ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ދިނުމަށް ސަރުކާރުން ކަނޑައެޅި އެލަވަންސް މިހާތަނަށް 250 އަށްވުރެ ގިނަ މީހުންނަށް ޖަމާކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވިދާޅުވީ އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންކަމް ސަޕޯޓުގެ ގޮތުގައި ހިންގާ ޕްރޮގްރާމުގެ ފައިސާ ޖަމާކޮށްދެނީ އެންސްޕާއިން ކަމަށެވެ. މެއި މަހުގެ ނިޔަލަށް 255 މީހުންނަށް ފައިސާ ޖަމާކޮށްދެވިފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލި ނުވަތަ މުސާރަ ކުޑަވެ މާލީ ދަތިތައް އުފުލަންޖެހި ވަންނާނެ ތަނެއް ނެތިގެން ވެސް އެތައް ބަޔަކު ހުށަހަޅަމުންދާ ކަމަށެވެ. މިގޮތުން ބޯހިޔާވަހިކަން ގެއްލިގެން މެއި މަހުގެ ނިޔަލަށް ޖުމުލަ 220 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ވަޒީފާ ގެއްލި އާއިލާ ބެލެހެއްޓޭނެ ގޮތެއް ނެތިގެން ދެދުވަސް ތެރޭގައި ވެސް ހަތަރު އާއިލާއެއްގެ 26 މީހަކު ވަގުތީ ހިޔާވަހިކަމަށް އައި ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ދިނުމަށް ސަރުކާރުން ހަމަޖެއްސި "އިންކަމް ސަޕޯޓް އެލަވަންސް" ހޯދުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލީ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.

މި އެލަވަންސް ދޭން ނިންމާފައި ވަނީ އެޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހަށެވެ. މިގޮތުން ދޭން ކަނޑައަޅާފައިވަނީ 5000ރ. އާ ހަމައަށެވެ. އެލަވަންސް ހޯދުމަށް ޖޮބް ސެންޓަރުގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.

އެލަވަންސް ދިނުމުގެ އުސޫލުގައި ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. ގެ އެލަވަންސެއް ލިބޭނެއެވެ. އަދި މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް މިހާރު ލިބޭ އަދަދު 5،000ރ. އިން އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.