ރިޒޯޓްތަކަށް ވަޒީފާއަށްދާ މީހުންނަށް އެފުރުސަތު ހުޅުވާލައިފިއެވެ. ޓުއަރިޒަމް މިނިސްޓްރީން މިކަމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ރިޒޯޓުތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

އެ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގ ގެ ހާލަތުގައި ނެތް ރަށްރަށުންނާއި، މޮނިޓަރިންގ ގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިޒޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިޒޯޓުތަކަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފައިވާ ކަމަށެވެ.

އަދި މޮނިޓަރިންގގެ ހާލަތަށްލެވިފައިވާ ރަށްރަށުންނާއި، މޮނިޓަރިންގގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިޒޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިޒޯޓެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށްފަހު ވަޒީފާއަށް ނުކުމެވޭ ގޮތަށް އެޗްޕީއޭއިން ނިންމާފައިވާކަމަށެވެ.

އެ މިނިސްޓްރީން ބުނީ ރަށްރަށުން ރިޒޯޓުތަކަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭ އަށް އެންގުމަށް އަންގަވާކަމަށެވެ. އެހެންކަމުން ރިޒޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ޓުއަރިޒަމް މިނިސްޓްރީގެ ހޮޓްލައިން 7223131 އަށް ނުވަތަ އީމެއިލް [email protected] އަށް ފޮނުވުމަށް އެ މިނިސްޓްރީން އެދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ރާއްޖޭގެ ރިސޯޓްތައް ވަރަށް އަވަހަށް ހުޅުވާލުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.