ޕޯޓްގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ކ.ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަޙައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ މައްސަލަ ދިރާސާކުރުމަށް ނިންމައި ކަމާއި ބެހޭ ފަރާތްތައް މަޖިލީހަށް ހާޒިކުރަން ނިންމައިފި އެވެ.

ކ. ގުޅިފަޅުގައި ޤާއިމްކުރެވޭ ޕޯޓްގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަޙައްދުގެ ތިމާވެއްޓަށް އަސަރު ކުރަމުންދާތީ، އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ދިއުމާއެކު، އެ މައްސަލަ ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމާފައިވާއިރު، އެ ފަޅު ހިއްްކާއިރު ވިލިމާލޭ ފަރަށް ގެއްލުންްވާ މައްސަލަ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނަވާފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އިސްނަގައިގެން ކުރިއަށްގެންދާ މައްސަލައެއްގެ ގޮތުގައި، ކުރިއަށްގެންދެވުމަށް މިމިމަހުގެ 1 ވަނަ ދުވަހު ބޭއްވި، ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯއްދަވަންޖެހޭ ލިޔެކިޔުންތައް ހޯއްދެވުމުގެ މަސައްކަތް ކޮމިޓީގެ އިދާރީ މޭޒުން ކުރަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައިެވެ.

އެގޮތުން މި މައްސަލަ ދިރާސާ ކުރުމަށް، އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ އިސްބޭފުޅުންގެ އިތުރަށް، އެ މަޝްރޫޢުގެ އީ.އައި.އޭ ކޮންސަލްޓަންޓް ކޮމިޓީއަށް ހާޒިރުކުރައްވާގޮތައް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މި މައްސަލައިގައި ވިލިމާލޭ ދާއިރާގެ މެންބަރު އުޝާމް މަޖިލީހަށް ހުށަހެޅުއްވީ، އެފަރު ހިއްކުމުގެ އެމަސައްކަތް ކުރިއަށްދާގޮތް ބަލައި، ވިލިމާލޭގެ ފަރަށް ގެއްލުން ލިބެމުންދާ މައްސަލަ ބަލައިދިނުމަށެވެ.

އުޝާމް ވިދާޅުވީ، ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ އިގްތިސާދީ ކުރިއެރުން ހޯދޭ މަސައްކަތްތައް ކުރަންވާނީ ތިމާވެށި ހިމާޔަތްކުރެވޭ އުސޫލުތަކެއްގެ މަތިންކަމަށް،،އެހެންކަމުން ގުޅީފަޅު ހިއްކުމުގެ މަސައްކަތްކުރަނީ އެއުސޫލުންކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.