ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ނުހުއްޓޭ ކަމަށާއި ކުރައްވާ ހުރިހާ ކަމެއް ނުފެންނަނީ ކޮންމެ ކަމެއް ފޮޓޯ ނުނަންގަވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީތަކާއި ސަރުކާރު އިދާރާތަކުން މަސައްކަތް ކުރަމުންދާ ގޮތާއި އަދި ކުރިއަށް މަސައްކަތް ރާވާފައިވާ ގޮތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާއެކު އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމުގައެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޓާސްކްފޯހުގައި ހިމެނިވަޑައިގެން ކުރީސަފަށް ނުކުމެވަޑައިގެންފައި ތިއްބެވީ ހުރިހާ ވަޒީރުން ނޫން ކަމަށާއި ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވަނީ ރައީސް ކަނޑައެޅުއްވި ބައެއް ވުޒާރާތަކުގެ ވަޒީރުން ކަމަށެވެ. ކުރީ ސަފުން ނުފެނުނު ނަމަވެސް ދެން ތިއްބެވި ވަޒީރުން ވެސް ގެންދަވަނީ އެބޭފުޅެއްގެ ވުޒާރާއާ ގުޅުންހުރި ކަންކަން ކުރައްވަމުން ކަމަށާއި އެގޮތުން ޓްރާންސްޕޯޓާ ގުޅުންހުރި ކަންކަން ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރަނީ މިދަނޑިވަޅަކީ ވަކި މީހަކަށް ނޫން، ހުރިހާ އެންމެނަށް ވެސް ދަތި ދުވަސްވަރެއް. ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ ވަގުތެއްގައި މިކަހަލަ ދަތިތައް އަންނާނެ. އަޅުގަނޑުމެން އެންމެންވެސް ވިސްނުން ބަހައްޓަންޖެހެނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި މި ދަނޑިވަޅުގައި މިދަތިތަކާއެކު ކިހިނެއްތޯ އަޅުގަނޑުމެން ކުރިއަށްދާނީ. އަޅުގަނޑުމެންގެ މުޅި ރައްޔިތުންގެ ފައިދާ އޮތީ ކޮން ގޮތެއްގައިތޯ، މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ކޮން ގޮތަކަށް އަމަލުކޮށްގެންތޯ. އެގޮތަށް އަޅުގަނޑުމެންގެ މިނިސްޓްރީން މަސައްކަތް ކުރަމުންދާނީ.
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ޓެކްސީގެ ޚިދުމަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ފުރަބަންދާއެކު ފުރަތަމަ އޮތީ ޓެކްސީގެ ޚިދުމަތް އެއްވެސް ގޮތަކަށް ނުދެވޭގޮތަށް ކަމަށާއި މިނިސްޓްރީން އަމަލުކުރަމުން ދިޔައީ އެޗުޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އޭގެ ފަހުން ފުރަބަންދަށް ދެވުނު ލުއިތަކާއެކު ފުރަތަމަ ހުއްދަ ދޫކުރާ ގޮތަށް އޮތީ ކޮންމެ ސެންޓަރަކުން ހަ ޓެކްސީއަށް ކަމަށާއި ޓެކްސީ ސެންޓަރުތަކުން އެ އަދަދު އިތުރުކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުމުން ފުލުހުންނާއި އެހެންވެސް ކަމާގުޅުންހުރި ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު ކޮންމެ ސެންޓަރަކުން 10 ޓެކްސީއަށް ޚިދުމަތް ދެވޭގޮތަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިފައިވާ ފަރާތްތަކާއި ދަތިތައް އިހުސާސްކުރަން ޖެހުނު ފަރާތްތައް ޚާއްސަކޮށް ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީން ސަރުކާރާ ވާހަކަދައްކައިގެން ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން. މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތުގައި ކުރިއަށްދާނެ. އެބޭފުޅުން އިތުރު ކަމަކަށް ބޭނުންވިޔަސް އަޅުގަނޑުމެންނާ ހިއްސާކޮށް އަޅުގަނޑުމެންގެ ދާއިރާތެރޭ ހިމެނޭ ކަމެއްނަމަ އެކަމެއް ކުރިއަށްގެންދާނެ.
މިނިސްޓަރ އައިޝާ

ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނަކީ ވަރަށް ބުރަ، ވަރަށް އަގުހުރި ޚިދުމަތެއް ރައްޔިތުންނަށް ދެމުންދާ ބައެއް ކަމަށެވެ. މިހާލަތުގައި ޑްރައިވަރުން ތިބީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ފުރުސަތު ލިބޭވަރަކުން މެދުނުކެނޑި ޚިދުމަތްދެމުންދާކަން ފާހަގަކުރައްވާ ކަމަށެވެ. ޑްރައިވަރުންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގާތުން ބައްލަވާ ކަމަށް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެކަހެރިކޮށް މަސައްކަތް ހަވާލުނުކުރައްވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަށް މިނިސްޓަރު ވިދާޅުވީ މިނިސްޓްރީތަކުގެ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ތިއްބަވާ ބޭފުޅުންނާ މަސައްކަތް ހަވާލުކުރުމަކީ މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއްގެ ޒިންމާއެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގައި ތިއްބެވި އެފަދަ ބޭފުޅުންނާ މަސައްކަތް ހަވާލުކުރެއްވުމުގައި ވިސްނުންފުޅު ގެންގުޅުއްވަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އަދި ރައްޔިތުންނަށް ޚިދުމަތްދެވޭ ގޮތަށް ކަމަށެވެ. އަދި ޒިންމާއެއް ހަވާލުނުކުރައްވާ އެއްވެސް ބޭފުޅަކު ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮވިޑް-19 އާއެކު ޓްރާންސްޕޯޓް މިނިސްޓަރު މުޅިން ގެއްލިފައިވާ ކަމާއި މިނިސްޓަރާ ބައްދަލުކުރަން ބޭނުންވެ ބައްދަލުކުރެވޭގޮތްނުވެ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމާއި އަދި ވަރަށް ގިނަ ކައުންސިލްތަކުން ވެސް މިނިސްޓަރާ ބައްދަލުނުވެގެން އެ ޝަކުވާ ކުރަމުންދާ ކަމަށް މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އައިޝާ ވިދާޅުވީ ވަރަށް ގިނަ ކައުންސިލަރުންނާ އެކަމަނާއާ ވަނީ ބައްދަލުވެފައި ކަމަށެވެ. ގިނަ ފަހަރު ކައުންސިލްތަކުން ވަޑައިގަންނަވަނީ ވެސް މުޅި ޓީމު އެއްކޮށް ކަމަށާއި އެގޮތަށް ވަރަށް ގިނަ ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެކަމަނާ ކުރައްވާ މަސައްކަތް ނުފެންނަނީ ކޮންމެ ކަމެއް ފޮޓޯ ނުނަންގަވާތީ ކަމަށް ވެދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަޅުގަނޑަކަށް އެނގިގެން ބައްދަލުނުވެގެނެއް މިހާތަނަށް އެއްވެސް ބޭފުޅަކު ވަޑައިގެންފައެއް ނުވާނެ. އެކަމަކު އެޕޮއިންޓްމަންޓްތައް ހުންނަގޮތުން އެބޭފުޅުން އެދިވަޑައިގަންނަވާ ދުވަހެއްގައި ބައްދަލުނުވެ ހިނގައިދާނެ. އެކަމަކު ވެސް ފަހުން ވަގުތު ދީގެން އަޅުގަނޑަށް ވީވަރަކުން ހުރިހާ ބޭފުޅުންނާ ވެސް ބައްދަލުކޮށްފައިވާނީ. ދަންނަވާލަން ޖެހޭނީ އަޅުގަނޑާ ބައްދަލުކުރެއްވި ހުރިހާ މީޓިންތަކުގެ ފޮޓޯ ނުނެގުނީމަ ވީގޮތެއްކަން ނޭނގެ. ކުރިއަށް އޮތްތާގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި އެ މީޓިންތަކުގެ އަޕްޑޭޓްސް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާގޮތަށް އަޕްޑޭލޯޑް ވެސް ކުރަމުންދާނަން.
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ކޮވިޑްގެ ހާލަތުގައި ކިހާ ވަގުތެއް ރަސްމީ މަސައްކަތަށް ދެއްވަންތޯ މެންބަރަކު ސުވާލުކުރެއްވުމުން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީއާއި ސިވިލް އޭވިއޭޝަނަކީ ޓްރާންސްޕޯޓް މިނިސްޓަރުގެ ޒިންމާގެ ދަށުގައި ހުރި ތަންތަން ކަމަށާއި ޚާއްސަކޮށް ސިވިލް އޭވިއޭޝަނަކީ 24 ގަޑިއިރުހެން މަސައްކަތް ކުރަންޖެހޭ ތަނެއް ކަމަށެވެ. އޮފީހަށް ނުކުމެވަޑައިނުގެންނެވުނު ނަމަވެސް ގޭގައި ހުންނަވައިގެން ވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވަނީ 24 ގަޑިއިރު ކަމަށާއި ގިނަ ރޭރޭ ފަތިހު ހަރެއް ފަހެއް ޖަހާއިރުވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

ފްލައިޓްތައް އައުމާއި ދިއުމާއި ޖެއްސުމާއި މުދާ އުފުލުމާއި ކާގޯ ފްލައިޓްތަކުގެ ކަންކަން ހަމަޖެއްސުމަކީ މިއީ ހަމަ އަޅުގަނޑުމެން ބަލަމުންދާ ކަންތައްތައް. މިކަމުގެ ތެރޭގައި ސިވިލް އޭވިއޭޝަންގެ ޑީޖީ ޖަލީލް އަދި އަޅުގަނޑުގެ ސްޓޭޓް މިނިސްޓަރ ޒުހައިރު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާކަން ފާހަގަކުރަން. ހަމަގައިމުވެސް އަޅުގަނޑާ ޒުހައިރާ ވަރަށް ދަންވަންދެން މި މަސައްކަތުގައި އެބަ ހޭދަކުރަންޖެހޭ. އޭގެ އިތުރަށް ޓްރާންސްޕޯޓްގެ މަސައްކަތްތަކަށް ދުވާލު ގަޑީގައި ވަގުތު ހުސްކުރަންޖެހޭ. ފޯނުން ގުޅައިގެން ކޮންފަރެންސް ހަދައިގެން އަޅުގަނޑުމެން މި މަސައްކަތްތަކާ ފުދޭވަރަކަށް އަރައިރުން ވެފައި ހުންނާނެ.
މިނިސްޓަރ އާއިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެއަށް އަދި ރާއްޖެއަށް ވެސް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާއިރު ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުމުގައި ވެސް ބޮޑު ބަދަލެއް ގެންނަން ވަނީ ޖެހިފައި ކަމަށެވެ. އަދި "ނިއު ނޯމަލް" އާ ކުރިމަތިލެވޭނީ ކުރިއަށް އޮތް ތަނުގައި ވެސް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. އެގޮތުން ގެންނަންޖެހޭ ބަދަލުތައް ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކަށް ވެސް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.