ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތް މިވަގުތު ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އާންމުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ތާރީޚަށް ނުބޭއްވި، އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވުމާ ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް ވިދާޅުވީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކަލަންޑަރު ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކަލަންޑަރު ހެދުމުގެ މަސައްކަތް މިވަގުތު ކުރަމުންދާއިރު އެ މަސައްކަތަށް ބޭނުންވާ ބައެއް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަމުންދާއިރު ކޮންމެހެން އޮފީހަށް އައިސްގެން ނޫނީ އެ މަސައްކަތެއް ނުކުރެވޭ މުވައްޒަފުން އޮފީހަށް އައިސްގެން އެ މަސައްކަތް ކުރާނެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އަހުމަދު އަކްރަމް

ނިއު ނޯމަލްގައި މަސައްކަތް ކުރާއިރު ގައިދުރުކަމުގައި މަސައްކަތް ކުރެވޭނެ ގޮތަށް ކޮމިޝަނުން މިހާރު ވަނީ ކަންކަން ފަހިކޮށްދީފައި ކަމަށާއި އެގޮތުން ގައިދުރުކަމާއެކު ސެކްޝަންތަކުގައި މަސައްކަތް ކުރެވޭނެ ގޮތާއި، ހޭންޑް ސެނިޓައިޒާ ލިބޭނެ ގޮތާއި، ކާޑު ބޭނުންކޮށްގެން އޮފީހަށް ދެވޭނެ އިންތިޒާމު މީގެ ތެރޭގައި ހިމެނޭ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ގާނޫނަަށް ގެނެވުނު ބަދަލާއެކު ނަން ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް އެފުރުސަތު ގާނޫނުގައި އޮތުމުން، ކޮމިޝަނުން މިހާރު ދަނީ އުސޫލެއް ކަނޑައެޅުމަށްފަހު ނަން ނެގޭނެ ގޮތަކީ ކޮބައިތޯ ބަލަމުން ކަމަށާއި ނަން ނެގުމުގެ މުއްދަތު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އެހެންވީމަ އެކަންތައްތަކުގެ ތައްޔާރީތައް މިވަގުތު ކުރަމުންމިދަނީ. އަދި ގާނޫނުގައި އެބަބުނޭ މިހާރު މިއޮތް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާއެކު އެކަން ރަސްމީކޮށް އިއުލާން ކުރާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވާ ދުވަސް އިއުލާން ކުރަން. އެހެންވީމަ އިންތިޚާބުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން އެބަކުރަން.
އަހުމަދު އަކްރަމް

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރައްޔިތުންނަށް ޚިދުމަތް ދޭނެ ދުވަސްތައް ކަނޑައަޅާފައި ކަމަށާއި އެގޮތުން އީމެއިލްގެ ޒަރިއްޔާއިން ލިޔުން ފޮނުވޭނެ އިމްތިޒާމުތަކެއް މިހާރު އޮތީ އެ ކޮމިޝަނުން ހުޅުވާލާފައި ކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެވެސް ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 11.00 އިން މެންދުރުފަހު 14.00 އަށް ކޮމިޝަނުން ޚިދުމަތް ލިބެންހުންނާނެ ކަމަށާއި އަދި ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައިވެސް އޮފީސް ހުޅުވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.