އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 ގެ ޓެސްޓެއް ހަދައިދެނީ 675 ރުފިޔާއަށް ކަމަށް ސަރުކާރުން ހާމަކުރުމުން އޭޑީކޭއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ކޮވިޑް ޓެސްޓް ހެދުމަށް ދާ ޚަރަދުގެ ތަފުސީލު ހާމަކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލް ހިންގާ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނިން ކުރި ޓުވީޓެއްގައި ވަނީ ކޮންމެ ޓެސްޓަކަށް އެވްރެޖްކޮށް ޖުމުލަ 686 ރުފިޔާ އަށްވުރެ ބޮޑު ޚަރަދެއް ހިނގާ ކަމަށެވެ. އެގޮތުން ނޭފަތުން ނުވަތަ ކަރުތެރެއިން ކަފަބުރު ބޭނުންކޮށްގެން ސާމްޕަލް ނެގުމަށް 120 ރުފިޔާ ހޭދަވާއިރު، ޝިފްޓެއްގައި 3 ލެބް ޓެކްނިޝަނުން ތިބެގެން މަސައްކަތް ކުރުމަށް އެމީހުންގެ ޕީޕީއީއަށް ޖުމުލަ 1950 ރުފިޔާ ހޭދަވާއިރު، 8 ގަޑިއިރުގެ ޝިފްޓެއްގައި ހެދޭނީ ގިނަވެގެން 200 ސާމްޕަލް ކަމަށާއި އެއީ ޕީޕީއީއަށް، ޓެސްޓަކަށް 13 ރުފިޔާ ކަމަށެވެ.

މާސްކަށް 2 ރުފިޔާ، ފޭސް ޝީލްޑަށް 1 ރުފިޔާ 60 ލާރި، ސާމްޕަލް ނެގުމާއި ބެހެއްޓުމަށް ބޭނުންކުރާ ޓިއުބާއި ހޮޅިފަދަ ތަކެއްޗަށް 100 ރުފިޔާ، ކޮންމެ ސާމްޕަލެއް ޓެސްޓްކުރުމަށް ބޭނުންކުރާ ރީއެޖެންޓްސް ފަދަ ތަކެއްޗަށް 300 ރުފިޔާ، ދަތުރުފަތުރާއި އެހެނިހެން ޚަރަދުތަކަށް 150 ރުފިޔާ އަރާ ކަމަށް އޭޑީކޭއިން ހާމަކޮށްފައިވާ ތަފުސީލުގައި ވެއެވެ.

އެހެންކަމުން ޓެސްޓަކަށް 686 ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ހިނގާ ކަމަށް ބުނެފައިވާއިރު، މިހާރު ޓެސްޓް ހަދައިދެމުންދަނީ ހިނގާ ޚަރަދަށްވުރެ 11 ރުފިޔާ ކުޑަކޮށެވެ. ޓެސްޓް ހަދައިދެނީ 675 ރުފިޔާއަށެވެ.

އޭޑީކޭއިން ބުނީ ކޮވިޑް ޓެސްޓް ހެދުމަށް އެ ހޮސްޕިޓަލުން ކަނޑައަޅާފައިވާ އަގަކީ ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކަށް ވެސް އެކަން ކުރެވޭނެ އެންމެ ކުޑަ އަގު ކަމަށެވެ. އެ ހޮސްޕިޓަލުގައި ހުރި ޕީސީއާރު މެޝިން ބޭނުންކޮށްގެން ދުވާލަކު 500 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް އޭޑީކޭއިން ބުނެއެވެ.

ސަރުކާރުން ބުނީ އަމިއްލަގޮތުން އޭޑީކޭ ހޮސްޕިޓަލަށް ދައްކައިގެން ކޮވިޑް-19 އަށް ޓެސްޓް ހެއްދުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި އޭޑީކޭއިން ޓެސްޓް ކުރާނީ އެޗުޕީއޭ މެދުވެރިވެގެން ނަގާ ސާމްޕަލްތައް ކަމަށެވެ. އަދި ޓެސްޓް ހެދުމަށްފަހު އޭޑީކޭއިން ބިލް ފޮނުވާނީ އައިޖީއެމްއެޗަށް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.