ޕްރިމިއަރ ލީގަށް އެނބުރި ދާން ބޭނުން ނުވާކަމަށާއި ކެރިއަރު ނިންމާލުމަށް ބޭލް ބޭނުންވާނީ ރިއާލް މެޑްރިޑުގައި ކަމަށް އޭނާގެ އެޖެންޓް ޖޮނަތަން ބާނެޓް ބުނެފިއެވެ.

ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާންއާ ބޭލްއާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނޫންކަމަށްބުނެ ވޭލްސްގެ ބޭލް އެނބުރި އިނގިރޭސިވިލާތުގެ ލީގަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް މީގެކުރިން ވަނީ ފެތުރިފައެވެ. އަދި އެންމެފަހުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ބޭލް ޗައިނާ އަށް ބަދަލުވާން އުޅޭކަމުގެ ހަބަރު ތަކެއްވެސް ވަނީ ފެތުރިފައެވެ،

85 މިލިއަން ޕައުންޑްގެ ރެކޯޑް ޓްރާންސްފާ ފީއެއްގައި ރެއާލްއަށް 2013 ވަނަ އަހަރު ބަދަލުވުމަށްފަހު އެޓީމާއެކު ބޭލް ވަނީ 4 ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބުކޮށް ލަލީގާ ޓައިޓަލް 1 ފަހަރު، ކޮޕާ ޑެލް ރޭ 1 ފަހަރު އަދި ސްޕެނިޝް ސުޕާރ ކަޕް 1 ފަހަރު ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން ކްލަބް ވޯލަޑް ކަޕް އަދި ޔޫއެފްއާ ސުޕާރ ކަޕްވެސް 3 ފަހަރު އެޓީމާއެކު ބޭލް ވަނީ ކާމިޔާބު ކޮށްފައެވެ،

ބާނެޓް ބުނާ ގޮތުގައި ބޭލް ރެެއާލް މެޑްރިޑުގައި ހުރީ އުފަލުންނެވެ. އަދި ޓީމަކާއެކު ހޯދޭނެ ހުރިހާ ތަށްޓެއް ބޭލް ހޯދައިފިކަމަށާއި އެހެންނަމަވެސް ވޭލްސްގެ ކުޅުންތެރިއެއް ކަމަށްވުމުން ވޯލްޑް ކަޕް ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ ބޭލް ފެނިގެން ގޮސްފައިވަނީ 2006 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ސައުތް ހެމްޕްޓަންއިންނެވެ. އޭގެފަހުން 5 މިލިއަން ޕައުންޑްގެ މުސާރަ އަކަށް ޓޮޓެންހަމްއަށް 2007 ވަނަ އަހަރު ބޭލް ވަނީ ބަދަލުވެފައެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު ބޭލް ރެއާލް މެޑްރިޑަށް ބަދަލުވެ މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ.