ޕޮލިސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް ބިޒްނަސް ޕަރމިޓްއަށް މިހާރު ރިކުއެސްޓް ކުރެވޭނެ ކަމަށް މޯލްޑިވުސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ސަރުކާރުން ބައެއް ލުއިތައްދީ، ބައެއް ވިޔަފާރިތައް އަލުން ފެށުމަށް ހުއްދަ ދީފައިވަނިކޮށެވެ.

ފުލުހުން ކުރި ޓްވިޓެއްގައި ވަނީ އޮންލައިން ޕޯރޓަލް މެދުވެރިކޮށް ބިޒްނަސް ޕަރމިޓްއަށް މިހާރު ރިކުއެސްޓް ކުރެވޭނެ ކަމަށެވެ.

ސަރުކާރުން ލޮކްޑައުންއަށް ދެހަފްތާގެ މުއްދަތަކަށް ލުއިދީފައިވަނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.

ހުއްދަ ހޯދުމަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްސީލް މީގެކުރިން ހާމަކުރަމުން މާލެ ސިޓީ ކައުންސިލުން ބުނީ ގެއިން ބޭރަށް ނުކުތުމަށް ހުއްދަތައް ނެގުން ދެންވެސް ކުރިއަށް ގެންދާނީ މިހާރެކޭ އެއްގޮތަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް ވިޔަފާރިތަކާ ގުޅިގެން ނަގާ ހުއްދަތަކަށް ދެން އެދެން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލްއިން ކަމަށް ސިޓީ ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ.

ސަރުކާރުން ދިން ލުއިތަކާއިއެކު ހުއްއްދަދޭ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ، ސުޕަމާކެޓް، ބޭކަރީތައް، ކަންމަތީ ފިހާރަތައް، ބޭސްފިހާރަތައް، ބުކްޝޮޕްތައް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި މީގެއިތުރުން ހާޑުވެއަރ ފިހާރަތައް ހިމެނެއެވެ.

މީގެއިތުރުންވެސް އެހެނިހެން ބައެއް ވިޔަފާރިތަކަށްވެސް މިހަފްތާއާއި ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ޚިދުމަތް ދިނުމުގެ ހުއްދަ ވަނީ ހެލްތް މިނިސްޓްރީން ދީފައެވެ.

މީގެތެރޭގައި ހިމެނެނީ ޑެލިވަރީގެ ޚިދުމަތްތައް، އޮޓޮމޯބައިލް ކޮންސްޓްރަކްޝަން، އިލެކްޓްރޯނިކް ރިޕެއަރކުރުމުގެ ޙިދުމަތް، ވޯކްޝޮޕް ޚިދުމަތްތަކާއި، މަސްމާރުކޭޓްގެ ހިދުމަތެވެ.

އޮންލައިން ވިޔަފާރިކުރުމުގެ ހުއްދަދިން ވިޔަފާރިތަކުގެ ތެރޭގައި މޯބައިލް ފޯން ފިހާރަތަކާއި، އިލެކްޓްރޯނިކް ފިހާރަތަކާއި، ފޮތިފިހާރައާއި ކުޅިވަރު ސާމާނު ފިހާރަތަކާއި، ކޮސްމެޓިކްސް ފިހާރަތަކާއި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތައް ހިމެނެއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮންނަހާ ހިނދަކު ކޮންމެ ގެއަކުންވެސް ޒަރޫރީ ބޭނުމުގައި ވިޔަފާރި ކުރުމާއި އެހެނިހެން ކަންކަމުގައި ބޭރަށް ދިއުމަށް އަދިވެސް ފުލުހުންގެ ހުއްދަ ނަގަންޖެހެއެވެ.

ފުރަބަންދުގެ ފިޔަވަޅުތައް ފުރަތަމަ އަޅަންފެށިއިރު ގެއަކުން ބޭރަށް ދިއުމަށް ފުލުހުން ހުއްދަދިނީ އެކަކަށެވެ. ނަމަވެސް މޭ މަހު 28 ގައި ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރަން ފެށިފަހުން ގޭބީސީއަކުން ތިން މީހުންނަށް ބޭރަށް ދިއުމަށް ހުއްދަ ދޭން ވަނީ ފަށާފައެވެ.

އެހެންނަމަވެސް އެކި ހިދުމަތްދޭ ފަރާތްތައްވެސް އަދި ހިދުމަތް ލިބިގަންނަ ފަރާތްތައްވެސް އިޖުތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތަކާއި، ރައްކާތެރިކަން އިތުރުކުރުމަށް މާސްކް އެޅުންފަދަ ކަންތައްތައް ކުރުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.