ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ، 7000 ފްލެޓަށް ކުރިމަރިލި ފަރާތްތަކުގެ ތެރެއިން ފްލެޓަށް ހޮވުނު ފަރާތްތަކުގެ އެސެސްމަންޓު ނިމި ސަރުކާރު ހުޅުވޭއިރަށް ލިސްޓު އިއުލާން ކުރެވޭ ވަރުވާނޭ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން އިއުލާން ކުރެއްވީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން މިނިސްޓްރީން ކުރިއަށް ރާވާފައިވާ މަސައްކަތްތަކާއި ކޮވިޑް-19ގެ މިހާލަތުގައި މިނިސްޓްރީން ކަންކަން ކުރިއަށް ރޭވިފައިވާ ގޮތުގެ ތަފްސީލް ހިއްސާކުރައްވަމުންނެވެ.

އޮންލައިންކޮށް ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާތިފާ ވިދާޅުވީ ހިޔާ ފްލެޓްތައް ލިބުނު މީހުންގެ އެސެސްމަންޓުތައް ހަދާ އަދި އެއްކޮށް ނުނިމޭ ކަމަށާއި ފުރަބަންދުވީ އެސެސްމަންޓްތައް ނިމެން ދެހަފްތާއަށްވެފައި ވަނިކޮށް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރު ހުޅުވޭތާ ދެހަފްތާގެ ތެރޭގައި އެސެސްމަންޓްތައް ނިމި ލިސްޓު އިއުލާން ކުރެވޭވަރުވާނެ ކަމަށް. އެބޭފުޅުން ބޭނުންވާ މައުލޫމާތުތައް އޮފީސް ހުޅުވުމާއެކު ފޮނުވާލެވޭ ވަރުވާނެ ކަމަށް މިބަލަނީ. ގޭގެއަށްގޮސް ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށް އެދަނީ. އިރާދަކުރެއްވިއްޔާ ޖުލައިމަސް ނިމުމުގެކުރިން ހަވާލުކުރެވޭވަރު ވާނެ."
މިނިސްޓަރ އާތިފާ

ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އިތުރު ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި މެއިލްގެ ޒަރިއްޔާއިން އޮފީހަށްލިބޭ މެއިލްތަކަށް ބަރާބަރަށް ޖަވާބުދާރީވާ ކަމަށާއި ޕްރޮޖެކްޓް ޑިމާޓްމަންޓުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ސޯޝަލް ހައުސިިން ޕްރޮޖެކްޓްގެ ދަށުން އެކިއެކި ރަށްރަށުގައި ދޫކުރެވިފައިހުރި ގާތްގަނޑަކަށް 2000 އެއްހާ ލޯނަށް މޮނިޓޯރިއަމްއެއް ނެރެ މެއިންޓެނަންސް ފައިސާ ފިޔަވާ އެހެން ފައިސާ އެޗްޑީއެފްސީގައި ބެހެއްޓޭނެ ކަމަށް އަންގަދީފައި ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރަށް ފުރަބަންދުވިއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ 700 ހައުސިން ޔުނިޓްގެ އިންޝުއަރެންސްގެ މަސައްކަތްފެށި ބިޑް އިއުލާން ކުރުމުގެ މަސައްކަތްތަކަށް ތައްޔާރުވެފައިވާނެ ކަމަށާއި ނަމަވެސް ބަންދުވުމާއި ގުޅިގެން ފިނޭންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ހޯދައިގެން އިންޝުއަރެންސް ދެމަސްދުވަހަށް ނަގާފައިވާނޭ ކަމަށްވެސް މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

"ދެން އޭގެ އިތުރަށް ފިނެންސް މިނިސްޓްރީގެ އެކިއެކި އެންގުންތަކަށް ކޮވިޑާއި ގުޅިގެން ބަޖެޓް ކުޑަކުރުމާއި އެހެނިހެން ކަންތައްތައް ގަވާއިދުން އަޅުގަނޑުމެން މިދަނީ އެޓެންޑްކުރަމުން. އަދި ބޭސްލައިންގެ ބަޖެޓްގެ މަސައްކަތްވެސް އެބަ ހިނގާ. ދެން ސެކްޝަންގެ މީޓިންތައް އަޅުގަނޑު ގަވާއިދުން އެބަ ހިންގަން. އަދި ސީނިޔާ ޕޮލިޓިކަލް މީޓިންތައްވެސް ހަފްތާއަކު އެއްދުވަހު އެބަ ބާއްވަން."
މިނިސްޓަރ އާތިފާ

ކޮވިޑް-19 އާއި ގުޅިގެން މާލޭ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވި އެއް މައްސަލައަކީ ރެންޓުގެ މައްސަލަ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ޖެންޑާ މިނިސްޓަރާއި އެއްކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދަޅުވިއެވެ.