ފުވައްމުލަކު މަގުހެދެމުގެ މަޝްރޫޢާއި ނަރުދަމާ މަޝްރޫއާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވެވި މިބައްދަލުވުމުގައި ނައިބު ރައީސް ވަނީ މި ދެމަޝްރޫއުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، އެ ސިޓީގެ މޭޔަރާއި މަގު ހެދުމުގެ ޕްރޮޖެކްޓްގައި ހިމެނޭ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އެބޭފުޅުން ވަނީ މިމަޝްރޫޢު ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާއި، އެކަންތައްތައް ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައިވަނީ މަޝްރޫޢު ކުރިއަށްގެންދާ ގޮތުގެ ޕްލޭންގެ ޕްރެޒެންޓޭޝަނެއް ނައިބް ރައީސް އާއި ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މިމަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންނަށް ވީހާވެސް އަވަހަށް ފަސޭހަވެގެންދާނެފަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ބައްދަލުވުމުގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

އަދި މި މަޝްރޫޢުގައި ކުރިއަށްގެންދާއިރު ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްތައް ކުރިޔަށްގެންދެވޭ ގޮތަށް ކަންކަން އިންތިޒާމުކޮށްދެއްވުމަށް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.