ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަކީ ކޮބައިތޯ ބެލުމަށް ކުރެވޭ ބަހުސަކީ ނިމުމެއް ނައިސް ވަރަށް ފޯރިއާއެކު ކުރެވެމުންދާ ބަހުސެކެވެ. ކުރީގެ ފުޓުބޯޅަ ލެޖެންޑުން ފެށިގެން މިއަދުގެ ނަން މަޝްހޫރު ކުޅުންތެރިންގެ އިތުރުން ފުޓުބޯޅައަށް ލޯބިކުރާ ދެ ރަހުމަތްތެރިއަކު ކޮފީއެއް ބޯލަން އެރިކަމުގައި ވިޔަސް މިއީ ނުކުރެވި ނުދާ ބަހުސެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ހަމަ ގައިމުވެސް މި ބަހުސްތަކުގައި ނުހިމެނި ނުދާނެ ދެކުޅުންތެރިއަކު ވެއެވެ. އެއީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. ތަފާތު ދެ ސްޓައިލެއްގެ ކުޅުން ކުޅެމުންދާ މި ދެކުޅުންތެރިން ހޯދާފައިވާ ކާމިޔާބީތައް ހަމަހަމަ ކަމުގެ ސަބަބުންވެސް ކުރެވެމުންދާ ބަހުސަށް ނިމުމެއް އައުމުގެ ކޮޅުމަތި އަދި ފެންނާކަށްވެސް ނެތެވެ.

އެހެންނަމަވެސް މިއަދު ދައްކަން މިއުޅެނީ ހަމަގައިމުވެސް އެހެން ކުޅުންތެރިއަކަށް ނުހޯދޭނެ ޝަރަފެއް ރޮނާލްޑޯ ހޯދި ވާހަކައެވެ. ދުނިޔޭގައި ފުޓުބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ ބިލިއަނަރަކަށް ވުމުގެ ޝަރަފު އޭނާ ހޯދި ވާހަކައެވެ.

ފޯބްސްގެ ފައިނެންޝަލް މެގަޒިންގެ "ލޭޓަސްޓް ސެލެބްރިޓީ 100" ލިސްޓްގައި ފާއިތުވި އަހަރު 105 މިލިއަން ޑޮލަރު ހޯދައިގެން ރޮނާލްޑޯ ވަނީ ލިސްޓްގެ 4 ވަނަ މަގާމު ހޯދާފައެވެ. މިއާއެކު ރޮނާލްޑޯގެ 17 އަހަރުގެ ދިގު ކެރިއަރުގައި ހޯދާފައިވާ އާމްދަނީގެ ޖުމްލަ ވަނީ 1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތިވެފައެވެ. ރޮނާލްޑޯއަކީ މިވަގުތު އެންމެ ބޮޑު އާމްދަނީއެއް ހޯދާ ފުޓުބޯޅަ ކުޅުންތެރިޔާވެސް މެއެވެ.

މިއާއެކު 35 އަހަރުގެ ރޮނާލްޑޯ ވެފައިވަނީ ރިޓަޔާ ކުރުމުގެ ކުރިން ނުވަތަ ކުޅިވަރު ކުޅެމުންދަނިކޮށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި 3 ވަނަ އެތްލީޓަށް ވެފައެވެ. ރޮނާލްޑޯގެ ކުރިން މިކަން ހާސިލް ކުރެވިފައިވަނީ އިންޑިވިޖުއަލް ކުޅިވަރު ކުޅެމުންދާ ބޮކްސިންގް ޗެމްޕިއަން ފްލޮއިޑް މޭވެދާރ އާއި ގޮލްފް ލެޖެންޑް ޓައިގަރ ވުޑްސްއެވެ. އެހެންކަމުން ޓީމް ކުޅިވަރެއްގައި މިކަން ހާސިލުކުރެވުނު ފުރަތަމަ ކުޅުންތެރިއާ އަކީވެސް ރޮނާލްޑޯއެވެ.

އެހެން ނަމަވެސް ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ހަމައެކަނި ބިލިއަނަރަށް ވުމުގެ ޝަރަފު މާގިނަ ދުވަހު ރޮނާލްޑޯއަށް ހިފެހެއްޓިދާނެ ކަމަށް ނުބެލެވޭ ކަމަށް މިލިސްޓް ދިރާސާކުރާ ފަރާތް ތަކުން ބުނެއެވެ. ސަބަބަކީ މިއަހަރުވެސް ފޯބްސްގެ މި ލިސްޓްގެ 5 ވަނައިގައި ރޮނާލްޑޯއާ ވާދަވެރި މެސީ ހިމެނިފައިވާތީއެވެ. ރިޕޯޓްތަކުން ބުނާގޮތުން 2021 ވަނަ އަހަރު ބިލިއަނަރުންގެ ލިސްޓްގައި 32 އަހަރުގެ ލިއޮނަލް މެސީ ހިމެނޭނެއެވެ.

ހަމަގައިމުވެސް މި ދެކުޅުންތެރިން މިވަނީ ފުޓުބޯޅައިގަވެސް އަދި ދުނިޔޭގެ ތާރީހުންވެސް ނުފޮހެވޭނެ ދެނަމަށް ވެފައެވެ. ފުޓުބޯޅަގައި މިދެކުޅުންތެރިން ނުހޯދަާ ޝަރަފެއް، ފަހުރެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފާއިތުވި ގާތްގަނޑަކަށް 12 އަހަރު ވަކި ވަކި ކުޅުންތެރިންނަށް ދޭ ހުރިހާ އެވޯޑެއް ހޯދާފައި ވަނީ މިދެކުޅުންތެރިންނެވެ. ކެރިއަރުގައި ބާކީ މަދު ދުވަސްކޮޅެއް އޮތްކަމަށް ބެލެވޭއިރުވެސް ޒުވާން ކުޅުންތެރިންނަށް އަދިވެސް މިދެކުޅުންތެރިންނާއި ފައިހަމަ ކޮށްލުން ވަނީ އުނދަކޫ ކަމަކަށް ވެފައެވެ. މިއީ ހަމަގައިމުވެސް ފުޓުބޯޅައިގެ ދިގު، މުއްސަނދި ތާރީހު ދުށް އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިންނެވެ.