ކުއްލި ސިއްހީ ހާލަތްތަކުގައި ފަރުވާދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމާއި ބެހޭގޮތުންނާއި އަތޮޅުތެރޭގައި ސިއްހީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށްގެންދިޔައީ އޮންލައިންކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާދިނުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކޮށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހާވެސް ބާރު ސްޕީޑެއްގައި ހަރުދަނާގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެގޮތުން ޚާއްސަގޮތެއްގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށާއި އަތޮޅުތެރޭގައި ދިމާވާ އެކިއެކި ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި، ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތް ޢަބުދުﷲ އަމީންއާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީއާއި އާސަންދަ ކުންފުންޏާއި އެސްޓީއޯގެ އިސްވެރިންގެ އިތުރުން ސިއްހީ ދާއިރާގެ ކަމާބެހޭ ބައެއް އިސްފަރާތްތަކުން ބައިވެރިވެވަޑައި ގެންފައިވެއެވެ.

އެމެޖެންސީކޮށް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖެހޭނެގޮތަށް ކަންކަން ރާވަންވާނެ. އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެގޮތަށް ވަސީލަތްތަކާއި އެހެނިހެން ކަންކަން ސީއްހީ ޚިދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރުކުރަންވާނެ."
ނައިބު ރައީސް ފައިސަލް ނަސީމް

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުންނާއި އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ މިހާރު ޚިދުމަތްދިނުމުގައި ހުރި ދަތިތަކާއި ކަންކަން ހަރުދަނާކޮށް، ރަނގަޅުކުރުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތްތައް ހިއްސާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން މިހާރު ހުރި މައްސަލަތައް ޙައްލުކޮށް އަވަސްފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.