ވެށްޓާމެދު އެންމެންގެ މައްޗަށް އޮތް ބުރަބޮޑު ޒިންމާ އުފުލުމަށް ތިމާވެށްޓާބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން އެދިވަޑައިގެންފިއެވެ.

ޑރ. ހުސައިން ރަޝީދު ހަސަން މިކަމަށް އެދިވަޑައިގެންނެވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ޓައިމް ފޮރ ނޭޗަރ" ނުވަތަ ދުނިޔޭގެ ތަބީއަތާމެދު ވިސްނައި ގޮތް ނިންމުމުގެ ވަގުތު ކަމަށެވެ.

މިޝިއާރު އަމާޒުކުރެވެނީ އިންސާނީ ތަރައްގީއާއި، ދުނިޔޭގެ ދިރުންތައް އަށަގަންނުވައި، ދެމެހެއްޓުމުގައި ދުނިޔޭގެ ތަބީއަތް ކަމުގައިވާ ގުދުރަތީ މުއްސަނިކަމުގެ ވަސީލަތްތަކާއި، ވެށީގެ ޚިދުމަތްތައް އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް ކަމަށް ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައި މުރަކައިގެ އަތޮޅުތަކެއްގެ ގޮތުގައި އުފެދިފައިވާ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ދިރި ތިބުމާއި، ދިރިތިބުމަށްޓަކައި ކާނާއާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ބިނާވެފައިވަނީ ދުނިޔޭގެ ތަބީއަތުގެ މައްޗަށާއި، ގުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކާއި، ވެށީގެ ޚިދުމަތްތަކުގެ މައްޗަށް ކަމަށް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ އިގްތިސާދީ ކުރިއެރުން ހޯދުމުގައްޔާއި ކާބޯތަކެތި ހޯދުމުގައި އަޅުގަނޑުމެން ބަރޯސާވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ މުރަކަ ފަރުތަކާއި، ސާފު ކަނޑުތަކުން ފޯރުކޮށްދޭ ގުދުރަތީ މުއްސަނދިކަމާއި ޚިދުމަތްތަކުގެ މައްޗަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިގްތިސާދުގެ އެންމެ މުހިންމު ދެ ތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވަނީ ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނިވިކަމުގެ މައްޗަށް. އަޅުގަނޑުމެންގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައްޔާއި ސާފު ބޯފެން ހޯދުމުގައްޔާއި އަތިރިތައް ގިރައިގެން ދިޔަނުދީ ދެމެހެއްޓުމުގައްޔާއި ވެލި އުފެދޭކަން ކަށަވަރު ކުރަމުންދިއުމުގައްޔާއި ގުދުރަތީ ކާރިޘާތަކުން ރައްކާތެރިވުމުގައި އަޅުގަނޑުމެން ބަރޯސާވަނީ ވެށީގެ ދިރުންތަކަށާއި ކަނޑުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް"
ޑރ. ހުސައިން ރަޝީދު ހަސަން

ޑރ. ހުސައިން ވިދާޅުވީ، އަޅުގަނޑުމެންގެ ވެށްޓަކީ، ދިވެހިންނަށް ލިބިފައިވާ ނުހަނު އަގުހުރި ތަރިކައެއް ކަމަށެވެ. އެހެންކަމުން، އެތަރިކަ ހިމާޔަތް ކުރަންޖެހޭނެ ކަމަށާއި، އަޅުގަނޑުމެންގެ ހުރިހާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމުގައިވެސް، ވެށްޓަށް ތަކާ މިންވަރެއްގައި ކަންކަން ކުރާކަން ކަށަވަރުކުރަމުން ގެންދަންވާނެ ކަމަށާއި، ގުދުރަތީ މުއްސަނދިކަން ހަރުދަނާގޮތެއްގައި މެނޭޖްކޮށް ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޖަޒީރާ މާހައުލު ނިޒާމުތައް ދެމެހެއްޓުމަށްޓަކައި ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރަށުފެންވަރުގައްޔާއި ގައުމީ ފެންވަރުގައި އަޅާ ފިޔަވަޅުތައް އެޅުމުގައި ފަރުދީގޮތުން ބައިވެރިވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް" ޑރ. ހުސައިން ރަޝީދު ހަސަން

މިނިސްޓަރ ވިދާޅުވީ، ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ވަބާއިން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އެއްކަމަކީ، ވެށްޓަށް އަޅުގަނޑުމެން ބަރޯސާވާން ޖެހިފައިވާ މިންވަރު ކަމަށެވެ.

އެހެންކަމުން، މިއީ އަޅުގަނޑުމެންގެ ވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާއެކު ދުނިޔޭގެ ތަބީއަތުގެ މަސަލަސްކަން ނުގެއްލޭ ގޮތެއްގެމައްޗަށް އަޅުގަނޑުމެންގެ ދިރިއުޅުން އަލުން އަރާސްތުކޮށް ކުރިއަށްވުރެ މޮޅަށް ބިނާކުރުމަށް ލިބޭ ފުރުސަތަކަށް ހެދުމަށާއި، ވެށްޓާމެދު އޮތް ބުރަބޮޑު ޒިންމާ އުފުލުމަށް ތިމާވެށްޓާބެހޭ ވަޒީރުގެ ބަޔާނުގައި އެދިވަޑައިގެންފައި ވެއެވެ.