ފަތުރުވެރިކަމަށް އަލުން ގައުމު ހުޅުވާލާއިރު ގިނަ އެއާޕޯޓުތަކެއް ބޭރަށް ހުޅުވާލެވިއްޖެނަމަ އެކަމުގެ ފައިދާތަކެއް ގައުމަށް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ރީޖަނަލް އެއާޕޯޓުތައް އިންޓަނޭޝަން އެއާޕޯޓަށް ބަދަލުކުރުމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނާޒިމް ވިދާޅުވީ މި ދަނޑިވަޅުގައި ބޭރު ގައުމުތަކަށް ގައުމު ހުޅުވާލާއިރު ގިނަ އެއާޕޯޓުތަކަށް ބޭރުމީހުންނަށް ދަތުރުކުރެވޭ ގޮތް ވެއްޖެނަމަ ގައުމަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުކުރެވިދާނެ ކަމަށެވެ. ނާޒިމް ސުވާލު ކުރެއްވީ ރީޖަނަލް އެއާޕޯޓުތައް އިންޓަނޭޝަނަލް ކުރުމުގައި މިނިސްޓްރީގެ ވިސްނުން ހުރި ގޮތަކާއި ޚާއްސަކޮށް ނާޒިމް ތަމްސީލުކުރައްވާ ދަނގެތި ދާއިރާ ނިސްބަތްވާ އަރިއަތޮޅުގެ އެއާޕޯޓެއް ކަމަށްވާ މާމިގިލީ އެއާޕޯޓު އިންޓަނޭޝަން ކުރުމުގައި މިނިސްޓްރީގެ ވިސްނުން ސާފުކުރެއްވުމަށެވެ.
މެންބަރު ނާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ވިދާޅުވީ މިދަތި ހާލަތުގައި އެއާޕޯޓުތައް އިންޓަނޭޝަނަލް ގިންތިއަށް ބަދަލުކޮށް ޚިދުމަތް ދެވިއްޖެނަމަ ފަސޭހަތަކެއް މެދުވެރިވެގެންދާނެ ކަމަށެވެ. އެގޮތުން މާމިގިލީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް މިނިސްޓްރީއަށް ވަނީ ހުށަހެޅިފައި ކަމަށާއި އެ ހުށަހެޅުން ދިރާސާކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މާމިގިލީ އެއާޕޯޓަކީ ޓްރާންސްޕޯޓް މިނިސްޓަރުގެ ފިރިކަލުން ގާސިމް އިބްރާހީމްގެ ކުންފުނި، ވިލާ އެއަރގެ އެޕޯޓެކެވެ.
މިނިސްޓަރު ވިދާޅުވީ ބަލަންޖެހޭ ކަންތައްތައް ނިމުމާއެކު، ފަތުރުވެރިކަން އަލުން ހުޅުވިގެންދާއިރު މިގޮތަށް އެދިފައިވާ އެއާޕޯޓުތަކުގެ ޚިދުމަތް ވެސް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ މާމިގިލީ އެއާޕޯޓުގެ އިތުރަށް ފްލައިމީ ވެސް އިންޓަނޭޝަނަލް އެއާލައިނަކަށް ބަދަލުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުން ލިބިފައިވާ ކަމަށެވެ. މާމިގިލީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް ސަރުކާރުގެ ނެޝަނަލް ޑިވެލޮމްޕަންޓް ޕްލޭނުގައި ނެތް ކަމަށާއި ޕްރައިވެޓް ޖެޓްތަކަށް އެއާޕޯޓްތައް ހުޅުވާލުންފަދަ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ނިންމޭ ކަންކަން ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ޕްރައިވެޓް ޖެޓާއި ޗާޓަރ ފްލައިޓަށް ހުޅުވާލާ އެއާޕޯޓުތަކާ ގުޅޭގޮތުން މިނިސްޓްރީން ގައިޑްލައިނެއް ހަދާފައިވާ ކަމަށާއި ހުއްދަދެވޭނީ އެއަށް ފެތޭ އެއާޕޯޓުތަަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭގޮތުން ޒުހައިރު ވިދާޅުވީ މާފަރު އެއާޕޯޓަކީ އަދި މުޅިން އިންޓަނޭޝަނަލް އެއާޕޯޓެއް ނޫން ކަމަށާއި މިހާރު ދީފައިވާ ހުއްދައަކީ ވަގުތީ ހުއްދައެއް ކަމަށެވެ. އެ އެއާޕޯޓުގައި ބޭރުގެ ފްލައިޓްތައް ޖެއްސޭވަރަށް އަދި ތައްޔާރު ނޫން ކަމަށާއި އެކަމަށްޓަކައި ފުރިހަމަކުރަންޖެހޭ ވަރަށް ގިނަ ކަންކަން އަދި ހުރީ ފުރިހަމަ ނުކުރެވި ކަމަށެވެ. އެހެންކަމުން ބޭރުގެ ފްލައިޓްތައް ޖެއްސޭނީ އެކަންކަން ފުރިހަމަކުރެވުނު ދުވަހަކުން ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ.