ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ބައްދަލުނުވެގެން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް މިނިސްޓަރު ކޮމިޓީއަށް ހާޒިރުވެވަޑައިގެންފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް މެންބަރުން ފާޅުކުރައްވާފައި ވަނިކޮށް، ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތުކުރައްވައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މިނިސްޓަރު ކޮމިޓީއަށް ހާޒިރުކޮށްދެއްވުން އެދި ހުށަހަޅުއްވާފައެވެ.
ޖާބިރު ހުށަހަޅުއްވާފައިވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުންކުރުމާ ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ހަދަންޖެހޭ ބައެއް ގަވާއިދުތައް ހަދާފަައި ނުވާ މައްސަލައިގައާއި މަސްވެރި އުޅަނދުތަކުގައި ބިދޭސީން އުޅޭ މައްސަލައިގައި ސުވާލުކުރެއްވުމަށެވެ.
ރޭ އޮންލައިންކޮށް ބޭއްވި ކޮމިޓީ ބައްދަލުވުން ފެށިއިރު މެންބަރު ޖާބިރު ބައިވެރިވެވަޑައިގެން ނެތް ކަމުގައިވީނަމަވެސް އެހެން މެންބަރުންގެ ސުވާލުތަކާއިގެން ކުރިއަށް ވަޑައިގަތުމުގެ ކުރިން، ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަން ބޭނުންފުޅު ކަމަށް ވިދާޅުވެ އެ ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވިއެވެ.
އެގޮތުން ޖާބިރު ފޮނުއްވާފައިވާ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓުގައި ރާއްޖޭގެ ކަނޑުދަތުރުގެ ވިޔަފާރި ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކާ ބެހޭ ކަންކަން ހިންގުން ހިމެނިފައިވާ ކަމަށެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިޔާލަށް ފޮނުވުމުން އެ ގަވާއިދަށް އިސްލާހުތަކެއް ގެނައުމަށްފަހު ޚިޔާލުދީ ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 151 ވަނަ މާއްދާއިން ބާރުލިބިގެން އެ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މަޝްވަރާއާއެކު ރަށްރަށުގެ ބަނދަރު ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދު ހިންގާ ބެލެހެއްޓުމަކީ އެ ރަށެއްގެ ރަށު ކައުންސިލުގެ ޒިންމާއެއް ކަމަށާއި އަދި އެރަށަކަށް ލަފާފުރާ އުޅަނދުތައް ބަނދަރުކުރެވޭނީ އަދި ކުރަންވާނީ މި ގަވާއިދާ އެއްގޮތަށް ކަމަށް ގަވާއިދުގައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ ނެޝަނަލް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ރާއްޖޭގެ ރައްޔިތުންގެ ކަނެކްޓިވިޓީ ހަރުދަނާކޮށް ރައްޔިތުން އެއްތަނުން އަނެއް ތަނަށް ދިއުމަށް ފަސޭހަކުރުމަށްޓަކައި ހާބަރުތަކާއި ޖެޓީތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށް މެނޭޖްކުރުން ހިމަނާފައިވާ ކަމަށެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ގިނަ ކަންތައްތަކެއް މަތިކޮށްފައިވާއިރު، ކޮވިޑްގެ ހާލަތު އައިއިރު އޮތީ އެކަންކަމަށް ބޭނުންވާ ޕްލޭންތައް އެކަށައަޅާފައި ކަމަށެވެ.
ޖާބިރުގެ ސުވާލުގައި ހިމެނޭ މަސްވެރި އުޅަނދުފަހަރުގައި ބިދޭސީން އުޅޭ މައްސަލައިގައި މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދުގެ ދަށުން މަސްދޯނިފަހަރުގައި ބިދޭސީން މަސްވެރިކަން ކުރުމަކީ މަނާކަމަކަށް ވުމާއެކު، އެކަން ބެލެހެއްޓުމަކީ އެ މަސައްކަތް ހަވާލުކުރެވިފައިވާ ތަންފީޒީ އިދާރާއަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އެ ތަންފީޒީ އިދާރާއަކަށް ވަނީ މެރިން ޕޮލިސް އާއި ކޯސްޓްގާޑްކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޖަވާބު ދެއްވާފައި ވަނިކޮށް ވަކި ހިސާބަކުން މެންބަރު ޖާބިރު ވަނީ ބައްދަލުވުމާ ގުޅިވަޑައިގެންފައެވެ. އެހެންކަމުން ޖާބިރަށް ސުވާލުކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެން ސުވާލު ކުރެއްވުމުން މިނިސްޓަރު ވަނީ ޖަވާބު ތަކުރާރުކުރައްވާފައެވެ.
ޖާބިރު ވިދާޅުވީ އޭނަ ހުށަހެޅުއްވި މައްސަލަ ވަރަށް ސީރިއަސްކޮށް ނަންގަވައި ކޮމިޓީއަށް ވަޑައިގެންދެއްވި ކަމަށްޓަކައި ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރަކީ ވަރަށް ހުށިޔާރު މިނިސްޓަރެއް ކަމަށާއި މިނިސްޓަރާއި މިނިސްޓަރުގެ ޓީމާމެދު ވަރަށް ފަޚުރުވެރިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޖާބިރު ވަނީ ބަނދަރުތައް ހެދުމަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި ބަނދަރުތައް ނުބެލެހެއްޓޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބަނދަރު ބެލެހެއްޓުމުގެ ކަންތައް ޓްރާންސްޕޯޓް މިނިސްޓްރީއާއި ކައުންސިލްތަކަށް ނުކުރެވޭނަމަ ރާއްޖޭގެ އެހެންވެސް ކަންތައް ހަވާލުކުރާ ބީދައިން ބަނދަރުތައް ވެސް ސިފައިންނާ ހަވާލުކުރުމަށް ވެސް ގޮވާލެއްވިއެވެ.