ގުޅިފަޅު މަޝްރޫއަކީ ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ސަބަބުން ފަރު ހަލާކުވާން ދޫކޮށްލެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓު ކުރައްވާފައި މިވަނީ، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަޙައްދުގެ ތިމާވެށްޓަށް އަސަރު ކުރަމުންދާތީ، އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.

ގުޅިފަޅުގެ މައްސަލަ ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމާފައިވާއިރު، ފަޅު ހިއްކާއިރު ވިލިމާލޭ ފަރަށް ގެއްލުންްވާ މައްސަލަ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމްވަނީ މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް މިމައްސަލަ ގެންނަވާފައެވެ.

ގުޅިފަޅު ހިއްކުން ކުރިއަށްދާއިރު ފަރު ރައްކާތެރިކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް އެދެމުންދާ ކަމަށާއި އެހެންކަމުން އެ ގޮވާލުންތައް ސަރުކާރުން ބަލައިގަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ގުޅިފަޅު މަޝްރޫއު މުހިއްމު ނަމަވެސް އެކަމުގެ ސަބަބުން ފަރު ހަލާކުވާން ދޫކޮށްލެވެން ނެތް."
ރައީސް މުހައްމަދު ނަޝީދު

ގުޅިފަޅުގެ މަޝްރޫއު އާއެކު ވިލިމާލެ ފަރަށް ގެއްލުންތަކެއް ވަމުންދާތީ އެކަމާ ގިނަބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ ވަގުތެއްގައި މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ އިސްބޭފުޅުންގެ އިތުރަށް، އެ މަޝްރޫޢުގެ އީ.އައި.އޭ ކޮންސަލްޓަންޓް ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތުތަކެއް އޮޅުންފިލުވާފައެވެ.

ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ގުޅިފަޅުގައި ޕޯޓް ހެދުމަށްޓަކައި ބިންހިއްކުމަށް ކުރިޔަށްގެންދާ މަސައްކަތަކީ، ކުއްލިޔަކަށް ޑްރެޖަރެއް އައިސް ބިން ހިއްކަންފަށައިގެން ކުރިޔަށްގެންދާ ޕްރޮޖެކްޓެއް ނޫން ކަމަށާއި ގުޅިފަޅު ހިއްކައިގެން ބައިނަލްއަގުވާމީ ވިޔަފާރީ ބަނދަރު ހަދަން ނިންމީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށްފަހު އެއީ އެންމެ ރަނގަޅުތަން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބުރާހިމް ނައީމް ވިދާޅުވީ، ގުޅިފަޅު ބިން ހިއްކުމުގެ ތެރޭގައި ރަނގަޅު ކުރަން ކަމެއް އޮތްނަމަ އެކަމެއް ރަނގަޅުކުރުމަށް އެންގުމުގައި އެއްވެސް އުނދަގުލެއް ނެތް ކަމަށާއި އެމަޝްރޫއު ހުއްޓުވަންޖެހޭ ފަދަ މައްސަލައެއް އަދި ފާހަގަކުރެވިފައި ނުވާކަމަށެވެ.