ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ގާނޫނުގައި ވާގޮތުގެ މަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެލުލަވާލައްވައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ 7 ބޭފުޅަކު ބޯޑަށް އައްޔަންކުރައްވާފައެވެ.

މިގޮތުން ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބު، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މާހިރު އީސާ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަރީފް، ޕްލޭނިން މިނިސްޓަރުގެ ނާއިބު ފާތިމަތު ނިއުމާއެވެ. މީގެ އިތުރަށް ލާމަރުކަޒީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރެއްވީ ފާތިމަތު އަފްޝަން ލަތީފެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރީ އެދުވަހުގެ މެންދަމުއެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ގާނޫނު 2020" އަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

އެގޮތުން މި ގާނޫނުގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުގެ އުމުރު 3 ޖޫން 2020 އަށް ހަމަވިއިރު، ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވެންދެން އިންތިޚާބު ފަސްކުރުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020 (ޤާނޫނު ނަންބަރު 2020/3) އިން ކަނޑައަޅާފައިވާތީ، ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ މަގާމާ ހަވާލުވަންދެން އިންތިގާލީ މުއްދަތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައެވެ.