ކޮވިޑް-19 ވަބާއެއްގެ ގޮތުގައި އަދިވެސް ފެތުރެމުންދިޔަ ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤައުމުތަކުން ފަރުވާތެރިކަމާއި ރައްކައުތެރިކަމުގައި ތިބެގެން އިޤުތިޞާދާއި ސަރަޙައްދު ހުޅުވައިލެވޭނެ އެންމެ ރަނގަޅުގޮތްތައް ހޯދަން ވަނީ މަސައްކަތް ފަށައިފައެވެ. އެހެން ނަމަވެސް މި މަސައްކަތްތައް އެއް ޤައުމު އަނެއް ޤައުމަށް ޚާއްޞަވެގެންވާ ސިފަތަކެއްގައި ގެންދަނީ ހާމަކުރަމުންނެވެ. ޚާއްޞަކޮށް މި ވަބާގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ޤައުމުތަކުގައި އެބައެއްގެ ޚާއްޞަ ހަމަތަކާއި އުޞޫލުތަކެއްގެ ތެރެއިންނެވެ.
ގިނަ ޤައުމުތަކުގެ ސަމާލުކަން މިހާރު ހުއްޓިފައި މިވަނީ ކޮރޯނާ ވައިރަހުގެ ވަބާއަށް ހޭލައި ތިބެގެން ލޮކްޑައުނުން ނިކުމެ އިޤުތިޞާދު އަނބުރައި ރުޖޫޢަކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެހެން ނަމަވެސް މި އިޢާދަ އަނބުރައި ގެނައުމަށް ޗާރޓު ކުރަހައިގެން ދައްކަމުންދާ ޔޫ ބައްޓަމާއި ޑަބްލިޔު އަދި ވީއާއި އަކައިގެ ބައްޓަންތަކާމެދު އިޤުތިޞާދީ މާހިރުންނާއި ވިލަރެސްކޮށް ފަރުމާކުރާ ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ.
ދިވެހި ރާއްޖެވެސް އާފަތިހަކަށް އަލިވިލޭނެކަމުގެ އުއްމީދުތަކާއެކު ލޮކްޑައުންތަކަށް ލުއި ދެމުން ދުނިޔޭގެ ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހުޅުވައިލުމަށް ދަނީ ތައްޔާރުވަމުންނެވެ. ފަތުރުވެރީން ރާއްޖެއަށް އަންނާނެ މަގުތައް ހުޅުވުމަށް މަގުފަހި ކުރަމުންނެވެ.
ނޮވިޑް ކޮރޯނާވައިރަސްގެ މިވަބާ ފެތުރެމުންގޮސް އެންމެ ގިނަ ބަޔަކަށް އެކަމުގެ އަސަރުކުރި އެމެރިކާގެ 50 ޝަހަރާއި ޔޫރަޕުގެ ބޮޑެތިމައި ޤައުމުތައްވެސް ގެންދަނީ ލޮކްޑައުންގެ ފިޔަވަޅުތަކަށްފަހު އަލުން ހުޅުވައިލުމަށް މަސައްކަތް ކުރަމުންނެވެ.
ބޮޑެތި ކުންފުނިތައް މަސައްކަތުގެ ތެރެއަށް އެނބުރިއަންނަން މިވަނީ ފަށައިފައެވެ. ފިހާރަތަކާއި ރެސްޓޯރެންޓުތައް އަލުން ހުޅުވައި އެއަރލައިންތަކުގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.
އެހެންނަމަވެސް ބައެއް ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި އިޤުތިޞާދީ ބައެއް ދާއިރާތައް އަންމު ޙާލަަތަށް ރުޖޫޢަ ނުވެދާނެއެވެ. ހަމަގައިމުވެސް އެ ދައިރާތައް އެނބުރި ގެނައުމަށް އަހަރުތަކެއްވެސް ނަގައިފާނެކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ.
މި ދާއިރާތަކުގެ ތެރޭގައި އާންމު ހޭދަތަކުގެ މިންވަރާއި ގިނަ ޢަދަދެއްގެ ވަޒީފާތައް އަދި ގޯތިގެދޮރުގެ ވިޔަފާރިތަކާ ކުލި ދައްކައިގެން ތަންތަނުގައި ދިރިއުޅޭ މިންވަރު ހިމެނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ހިތްއުފާކޮށްދޭ އަގުބޮޑު މުދާގަތުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ލަންޑަން އެންޑް ކެޕިޓަލް ވެލްތު މެނޭޖްމަންޓު ކުންފުނީގެ ޕައު މޮރިއްލާ ޖީނާ ވިދާޅުވީ ރައުސުމާލުން ކުރާހޭދައާއި ބޭރުޤައުމުތަކުން ކިޔަވަން އަންނަ، ގޮސްއުޅޭ ދަރިވަރުންގެ ނިސްބަތްވެސް ކުރު މުއްދަތުން މެދުމިންވަރުގެ މުއްދަތަށް އައުމަށްވެސް އެތައް މަހެއް ނަގާނެ ކަމުގައެވެ.
ޢާންމު ހޭދައިގެ އާދަތަކަށް މި ވަބާއާއި ގުޅިގެން އަންނާނެ ބަދަލުތައް، ޚާއްޞަކޮށް ޒުވާނުންމެދުގައި ބޮޑުވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވީމާ އިޤުތިޞާދު ހުޅުވައިލެވޭއިރު އެކަމަށް ވަގުތު ދިނުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެން ނަމަވެސް ޢާންމު ހޭދަކުރާ މީހުން އެ ހޭދަކުރާ ގޮތްތަކަށް ކުޑަ ބަދަލެއްގެ ތެރެއިން އިޤުތިޞާދުގެ ތެރެއަށް އަސަރުތަކެއް ނުކުރާނެ ގޮތެއް ނެތުމަކީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ހަމަޔަޤީނުންވެސް ރައްޔިތުން ފައިސާ ހޭދަކުރާ މިންވަރު ދަށްވާނެއެވެ.
ޒަމާނާއި ވަގުތުގެ ޙާލަތުގައި ޖީލުތަކުން ހޭދަކުރުމުގެ އާދައަށް ބަދަލުތަކެއް ގެންނާނެކަން ކަށަވަރެވެ. އަދި ވިސްނުމާއި ފިކުރު ހުންނާނީ މިފަދަ ޙާލަތެއް ނުވަތަ މައްސަލަގަނޑެއްގެ ތެރޭގައި މާލީގޮތުން ތައްޔާރު ނުވެ ނުހުންނާނަމޭ ބުނާ ފަދައިންނެވެ.
ހުޅަނގުގެ ދުނިޔޭގައި އާންމު ހޭދައަކީ ޢާންމުގޮތެއްގައި ޤައުމީ އުފެއްދުންތެރިކަމުގެ 70 އިންސައްތައެވެ. އެހެންވީމާ ޤައުމީ އުފެއްދުންތެރިކަމުގެ ކުރިއެރުމަށްކުރާ ނޭދެވޭ އަސަރުތައް އެކަމުގެ ސަބަބުން ކުޑަވާނެއެވެ.
އެމެރިކާގައި މޭމަހުގެ ފަހު ހަފްތާގައި ވަޒީފާ ގެއްލުނު މީހުންގެ ޢަދަދު 2.1 މިލިއަނަށް އަރައިފައިވެއެވެ. މިއީ ކޮރޯނާވައިަރސްގެ ވަބާއިން މުޅި ޤައުމު ހުއްޓުމަކަށް ގެނައުމާއި ހަމައަށް ތިބި ވަޒީފާނެތް 40 މިލިއަން މީހުންގެ ތެރެއަށް އިތުރުވި މިންވަރެވެ. އެހެން ނަމަވެސް މިއީ އޭގެ ކުރީ ހަފްތާގައި ވަޒީފާ ގެންލުނު މީހުންގެ ޢަދަދު އޮތް 2.4 މިލިއަނުން ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި ޢަދަދުތަކަކީ ބަދަލުވަމުންދާ އިޤުތިޞާދީ ޙާލަތުގެ ގެއްލުންތަކުގެ ދަރަޖައިގެ ބޮޑުކަން ހާމަކޮށްދޭ ޢަދަދު ތަކެކެވެ. އަދި އެއީ އިތުރު އަސަރުތައް ބޮޑުވެގެން ހިނގައިދާނެކަމުގެ ރަނގަބީލެކެވެ. އެހެންވީމާ ބައެއް ވަޒީފާތައް މުޅީންނެތި ގޮސް އެ ވަޒީފާތައް އެނބުރި އަތުވެދާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.
ކަން މިހެން އޮތް ނަމަވެސް އިޤުތިޞާދު ރުޖޫޢަވަމުން އަންނަ ވަރަކަށް ގެއްލިފައިވާ ވަޒީފާތަކުގެ ބޮޑު ބައެއް އަލުން އަނބުރައި ރުޖޫއަވާނެ ކަމުގެ އުއްމީދު އެބައޮތެވެ. ނަމަވެސް ކަންބޮޑުވުން އޮތީ ބަނގުރޫޓުވުން އިތުރުވެފައިވުމާއި އެކަމުގެ ސަބަބުން މަސައްކަތްތެރީން އެއްފަރާތްކުރެވިފައި ވުމުންނެވެ.
ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިވަނީ ކޮވިޑް-19 ގެ ވަރަށްބޮޑު ނުރައްކަލެއް ކުރިމަތި ކޮށްފައެވެ. ނުރަނގަޅު އަސަރުތަކާއި ދިވެހި ރާއްޖެފަދަ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމުތައް އިނދަޖައްސައިލައިފައެވެ. އެއްބައްރަކަށް ހިކިފައިވާ ޤައުމުތަކުގައިވެސް ލޮކްޑައުން އަޅުވައި ގޭގައި ތިބުމުގެ އަމުރުތައް އިޢުލާން ކުރުމުން އެކަމުގެ އަސަރުތައްވެސް ކޮށްފައެވެ.
ދުނިޔޭގެ ގިނަ އެއަރލައިންތަކުގައި މަސައްކަތްކުރާ މީހުންގެ ވަޒީފާތައް ގެއްލި މަތިންދާބޯޓުތައް ގެނެސް ކަމަޅިމައްޗަސް ލައިފައެވެ. އަދި އެފަދަ ޤައުމުތަކުގެ ސަރުކާރުތަކުން ގެންދަނީ އެ އެއަރލައިންތައް ހުއްޓުމަކަށް އަޔަ ނުދިނުމަށްކުރެވެން ހުރި މަސައްކަތްކާމެދު ވިސްނަން ފަށައިފައެވެ.
ފަތުރުވެރިކަމުގެ ދާއިރާވަނީ ދުނިޔޭގެ އިޤުތިޞާދުގެ ބަލިފައިގެ ތެރޭގައި ހާންތިވެފައެވެ.
އެމެރިކާއަށް ކުރިމަތިވި ސެޕްޓެމްބަރު 11 ގެ ޓެރަރިސްޓު ޙަމަލާއަށްފަހު ޔޫއެސް އެއަރލައިން ޢާންމު ޙާލަތަކަށް އައުމަށް 6 އަހަރު ނެގިއެވެ. އަދި އެއަރލައިންގެ ޓިކެޓުތަކުގެ އަގު 2000 ވަނަ އަހަރު ހުރިމިންވަރަށް އައުމަށް 8 އަހަރު ނެގިއެވެ.
ދުނިޔޭގެ ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލުން ބުނެފައިވަނީ މިވަބާގެ ސަބަބުން އެދާއިރާގެ ވަޒީފާތަކުގެ 3 ބައިކުޅަ އެއްބައި ގެއްލި ނެތިގޮސްފައިވާ ކަމުގައެވެ.
ދުނިޔޭގެ މާލީ އިދާރާ، ވޯލްޑް ބޭންކުން އާންމުކޮށް އިޤުތިޞާދީ އަންދާޒާގެ އުއްމީދުތައް ދެމުންގެންދާ ގޮތާއި ޚިލާފަށް މި ވަބާއާއި ގުޅިގެން ގުންޑޮޅިވެއްޓިފައިވާ އިޤުތިޞާދުތަކުގެ އެނބުރިއައުމުގެ އަންދާޒާ ލަފާކޮށްފައިވަނީ ނާއުއްމީދީ އަސަރުތަކަކުންނެވެ. ނުވަތަ ވަރަށް ޔަޤީންކަންކުޑަ ގޮތަކަށެވެ. އެ ބޭންކުން ލަފާކޮށްފައިވަނީ މިއަހަރު ދުނިޔޭގެ އިޤުތިޞާދު 4.2 އިންސައްތައަށް ހުލި ކޮށްލައިފައިވާއިރު 2021 ވަނަ އަހަރު ކުރިއަށް ޖެހިލަނީ އެންމެ އިންސައްތައެއް ކަމަށެވެ.
އެހެން ނަމަވެސް ވޯލްޑް ބޭންކުންވަނީ އޭގެ ފަހުން އިޤުތިޞާދު އިޢާދަ ވުމާއި އިނދަޖެހުމުން އަރައިގަނެވޭ ތިންގޮތެއްގެ މައްޗަށް ބަލައިލައިފައެވެ. ނަމަވެސް ފެށުމުގެ ބިންގަލުން ދައްކާ ނަޒަރިއްޔާއަށް ބަލާއިރު ހަލުވި އަދި ވަރުގަދަގޮތެއްގައި އިޤުތިޞާދު އެނބުރިއައުން އަވަސްވާނެ ކަމަކަށް ލަފާކޮށްފައެއްނުވެއެވެ. އެ އިދާރާގެ ނަޒަރިއްޔާއިން ބުނެފައިވާ ގޮތުގައި ކުޑަވެސް ކުރިއެރުމެއް ލިބުން އޮތީ ޖުލައިމަހުގެ ފަހުންނެވެ.
އެހެން ނަމަވެސް އެކަމަށްޓަކައި ފުޅާ ދާއިރާއެއްގެ މާލީ އަދި މަނިޓަރީ ސިޔާސަތެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. ނަމަވެސް މި އިޢާދައަކީ އެހާ ފަސޭހަ އަދި އުދަގޫނެތް ސިފަތަކެއް ނޫނެވެ. އަދި އެއީ ކުރުމަށްވުރެ ބޮޑަށް އެއްބާރުލުން ދިނުން ހިފެހެއްޓޭނެ ކަމެކެވެ.
މީގެއިތުރުން ވަޒީފާގެ ބާޒާރު ރަނގަޅުވަމުން އައިނަމަވެސް ގޭބިސީތަކުން ޢާންމުހޭދަ އިތުރުކުރާނީ ވަރަށް ލަސްލަހުންނެވެ. ޚާއްޞަކޮށް މި ވަބާގެ އަސަރު ކޮށްފާނެތީ ދަމަހއްޓަމުން އައި އިޖުތިމާޢީ ގައިދުރުކަންކެނޑި އެކަން ފިލައިދާން ފެށުމުންނެވެ.
މިކަމުގެ އަސަރުތަކާ އިޤުތިޞާދު އެނބުރި އައުމުގެ ކަންކަން ޤައުމުތަކުގެ މެދުގައި އެއްގޮތެއް ނުވާނެއެވެ. އަދި އެއްސިފައަކަށްވެސް އެކަމެއް ނުހިނގާނެއެވެ. ޤަބޫލު ކުރެވުނަސް ނުކުރެވުނަސް އިޤުތިޞާދު އެނބުރި ރުޖޫޢަވުން އޮންނާނީ އެ ޤައުމެއްގައި ކޮވިޑް-19 ގެ ވަބާގެ ކާރވް ސީދާވާ މިންވަރެއްގެ މައްޗަށެވެ.