ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިއްތިހާދު އެއަރވޭޒްގެ މަތިންދާ ބޯޓެއް އަނެއްކާވެސް އިސްރާއީލުގައި ޖައްސައިފިއެވެ.

މިއީ، އިއްތިހާދު އެއަރވޭޒްގެ މަތިންދާ ބޯޓެއް، މަސްދުވަހުގެ ތެރޭގައި އިސްރާއީލަށް ސީދާ ދަތުރުކުރި ދެވަނަ ފަހަރެވެ.

ޔޫއޭއީގެ ބޯޓު ދިޔައީ، ކޮވިޑް-19 އާ ދެކޮޅަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް ބޭނުންވާ މެޑިކަލް ސާމާނު ހިފައިގެންކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

މިދިޔަ މެއިމަހުގެ ތެރޭގައިވެސް އިއްތިހާދު އެއަރވޭޒްގެ މަތިންދާ ބޯޓެއް އިސްރާއީލަށް ގޮސްފައި ވެއެވެ. އެފަހަރުވެސް ދިޔައީ ފަލަސްތީނަށް ބޭނުންވާ މެޑިކަލް ސާމާނު ހިފައިގެންނެވެ.

އެކަމަކު، އަންގާރަ ދުވަހަކީ އިއްތިހާދު އެއަރވޭޒްގެ ރަސްމީ ލޯގޯޖެހި ބޯޓެއް އިސްރާއީލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަމަށް މެދުއިރުމަތީގެ މަސްދަރުތަކުން ބުނެއެވެ.

އަރަބި-އިސްލާމީ ގައުމުތަކުގެ ތެރެއިން އުރުދުންއާއި، މިސްރު ފިޔަވައި، އެހެން އެއްވެސް ގައުމަކާއި އިސްރާއީލާ ދެމެދު އެއްވެސް ގުޅުމެއް ނޯވެއެވެ.

އެހެން ނަމަވެސް، ގަލްފްގައި ހިމެނޭ އަރަބި ބައެއް ގައުމުތަކުން މިފަހުން އިސްރާއީލާ ގާތް ގުޅުންތަކެއް ބާއްވާފައި ވެއެވެ. އެއީ، ގަލްފްގައި ހިމެނޭ އީރާނާ ދެކޮޅަށް އެ ގައުމުތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

އިއްތިހާދު އެއަރވޭޒްގެ ބޯޓެއް އަންގާރަދުވަހު އިސްރާއީލަށް ދިޔަކަން އިސްރާއީލުގެ ޚާރިޖިއްޔާއިންވަނީ ކަށަވަރު ކޮށްދީފައެވެ.

"މިއީ، ޔޫއޭއީން ސީދާ އިސްރާއީލަށް އައި ދެވަނަ މަތިންދާ ބޯޓު. އެއީ، ފަލަސްތީނު މީހުންނަށް މެޑިކަލް އެހީ ހިފައިގެން އައި ބޯޓެއް. އެތަކެތި ފަލަސްތީނަށް ފޮނުވަން އދއާއި ހަވާލު ކުރެވޭނެ"
އިސްރާއީލު ޚާރިޖިއްޔާ

ފަލަސްތީނު ބޮޑުވަޒީރު މުހަންމަދު ޝްތައްޔާ ވިދާޅުވީ، ޔޫއޭއީން މެޑިކަލް ސާމާނުގެ އެހީ ހިފައިގެން މަތިންދާ ބޯޓެއް އަންނަކަން ފަލަސްތީނު ސަރުކާރަށް އަންގާފައި ނުވާކަމަށެވެ.

ރާމަﷲ ގައި ތިބޭ ބޭރުގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޝްތައްޔާ ވިދާޅުވީ، އެހީ ހިފައިގެން އެމިރޭޓްސްގެ ބޯޓެއް އައި ވާހަކައިން ލިބިވަޑައިގެންނެވީ ހައިރާންކަން ކަމަށާއި، އެބޯޓު އަންނަކަން ޔޫއޭއީން ފަލަސްތީނު ސަރުކާރަށް އަންގާފައި ނުވާކަމަށެވެ.

އެހެން ނަމަވެސް، ފަލަސްތީނުގެ ބޮޑުވަޒީރު ވަނީ، މެޑިކަލް އެހީ ފޮނުވި ކަމަށްޓަކައި ޔޫއޭއީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަން ކުރުމުގައި ފަލަސްތީނު ސަރުކަރާ މުއާމަލާތް ކުރެއްވިނަމަ ރަނގަޅުވީސް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެހީވާން ޗައިނާ ސަރުކާރުންވެސް ނިންމައި، އެންމެ ފުރަތަމަ އަޅުގަނޑުމެންނާ އެކަމާ ގުޅޭގޮތުން މުއާމަލާތްކުރީ. ދުނިޔޭގެ އެއްވެސް ގައުމަކުން އަޅުގަނޑުމެންނަށް އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާނަމަ އެކަން އަޅުގަނޑުމެންނާ ހިއްސާކުރައްވާ"
ޝްތައްޔާ

ޔޫއޭއީގެ އިއްތިހާދު އެއަރވޭޒްގެ މަތިންދާ ބޯޓެއް މަސްދުވަހުގެ ތެރޭގައި އިސްރާއީލަށް ދަތުރުކުރިއިރު، ޔޫއޭއީން ފުރަތަމަ ފަހަރަށް އަރަބް ސްޕޭން ޕްރޮގްރާމެއް ފަށަން އުޅޭތީ، އިސްރާއީލުންވަނީ އަންގާރަ ދުވަހު ޔޫއޭއީއަށް މަރްހަބާވެސް ކިޔާފައެވެ.

އަނެއްކޮޅުން، މި ދަނޑިވަޅަކީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ހަދާފައިވާ ހުރިހާ ބިންތަކާއި، އުރުދުން ވާދީ، އިސްރާއީލުގެ ބިމުގެ ބައެއްގެގޮތުގައި ޖުލައިމަހު ހެދުމަށް އިސްރާއީލުން ތައްޔާރުވަމުންދާ ދަނޑިވަޅެކެވެ. މަސްރަހް އިތުރަސް ނުތަނަވަސްވެފައިވާ ދަނޑިވަޅެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޖެނުއަރީމަހު އިޢްލާން ކުރައްވާފައިވާ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގެ ދަށުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދާފައިވާ ބިންތައް އިސްރާއީލުގެ ބިންތަކަށް ހެދުމުގެ ފެހި ސިގުނަލް ދީފައި ވެއެވެ.

ޓްރަމްޕްގެ ޕްލޭންގައި ފަލަސްތީނުގެ ކުޑަ ދައުލަތެއް ހެދުމަށްވެސް ހުށަހަޅާފައި ވެއެވެ. އެ ޕްލޭންގައިވާގޮތުން، ފަލަސްތީނު މިނިވަން ދައުލަތުގެ ވެރިރަށަށް ވާނީ ގުދުސްއެއްވެސް ނޫނެވެ.

ޓްރަމްޕްގެ ޕްލޭންގައި ބުނެފައިވަނީ، ގުދުސް އިސްރާއީލުން ވަކި ނުކުރެވޭނޭ ކަމަށާއި، ގުދުސް އޮންނާނީ އިސްރާއީލުގެ ބައެއްގެގޮތުގައި ކަމަށެވެ.

ޓްރަމްޕްގެ ޕްލޭން ފަލަސްތީނުންވެސް އަދި އިސްލާމީ އުންމަތުންވެސް ގަބޫލުކޮށްފައެއް ނުވެއެވެ. އަދި އދއިންވެސް ގަބޫލެއް ނުކުރެއެވެ.