ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ލޭޔަރތައް ލެވި، މިނިވަންކަން ގެއްލި އަދި ސިޔާސީވުމުގެ ބިރު ބޮޑުކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ޑރ. ޖަމީލް މިކަމާ ގުޅޭގޮތުން ޓްވީޓެއް ކުރައްވަފައި މިވަނީ، ފުލުހުންގެ ބިލުން ފުލުހުންގެ ހިދުމަތްތަކަށް ބަދަލުގެނައުމަށް ހުރި ޝައުގު ފެނިގެންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފުލުހުންގެ ޤާނޫން އަލުން އެކުލަވާލަން ޖެހުނީ ކޮން ބޮޑު މައްސަލައެއް އޮވެގެންތޯއާއި ގޯސް ވަކިކަމެއް އުޅޭނަމަ އިސްލާހު ހުށަހަޅައިގެން ހައްލު ހޯދޭނެ ކަމަށެވެ.

މިހާރު މަޖިލީހުގައި އޮތް ބިލުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ލޭޔަތައް ލެވި، މިނިވަންކަން ގެއްލި އަދި ސިޔާސީ ވުމުގެ ބިރު ބޮޑުކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މައްސަލަތައް ހައްލުވާނީ މުސާރަ އަދި ގެދޮރުވެރިކަން ފަދަ އެހީތެރިކަން ފުލުހުންނަށް ދީގެން. ތަޅާނެ ކުދިންކޮޅެއް ހޯދި އަދި ފުލުހުންގެ މޫނަށް ކުޅުޖެހި ފަރާތްތަކާއި އިތުބާރު ގެއްލިފައިވާ ފަރާތްތައް ލީޑްކުރަން ތިބިހާ ހިނދަކު ކަންތައް ހައްލެއް ނުވާނެ. މިހާރު މެމްބަރުންގެ މައްސަލަ ނުބެލޭނެ."
ޑރ. ޖަމީލް

ފުލުހުންގެ ޚިދުމަތުގެ ބިލަށް ޑރ. ޖަމީލް ފާޑުވިދާޅުވެ ޓްވީޓު ކުރެއްވިއިރު މި ބިލާ ގުޅޭގޮތުން ސީޕީ ހަމީދު ވިދާޅުވެފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު ބިލު ހެދުމަށް ފުލުހުން ދިން އެއްބާރުލުމުން އެނގިގެންދަނީ ފުލުހުންގެ ހިދުމަތްތައް ޒަމާނީކޮށް ޑިމޮކްރަޓައިޒް ކުރުމަށް ހުރި އަހަންމިއްޔަތުކަން ކަމަށެވެ.

މި ބިލާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ، މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް ފުލުހުން ރިފޯރމް ކުރަންވީ މުހިންމު ވަގުތު ކަމަށެވެ.

އަދި ބިލު ގާނޫނަކަށްވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއާގުޅޭ ކަންކަން ފުރިހަމަޔަށް ތަރުތީބުކުރެވި، ރައްޔިތުން އިތުބާރުކުރާ، ސަރުކާރަށް ފުލުހުންގެ މުއައްސަސާގެ ކަންކަން ފުރިހަމައަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހި ރައްޔިތުން އެދޭފަދަ ޚިދުމަތްދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވެފައި ވެއެވެ.