ކޮވިޑް-19 ބަލީގައި ޕާކިސްތާނުން މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނޭ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިންޒާރު ކުރައްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މިކަމަށް އިންޒާރު މިކުރެއްވީ، ބަލީގެ ހާލަތު ޕާކިސްތާނުގައި ވަރަށް ބޮޑަށް ގޯސްވަމުންދާތީ އަލުން ލޮކްޑައުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ޕާކިސްތާނު ސަރުކާރަށް ގޮވާލާފައި ވަނިކޮށެވެ.

ޑަބްލިޔޫއެޗްއޯގެ ޕާކިސްތާނު އޮފީހުން ސަރަހައްދީ ސަރުކާރުތަކަށް ފޮނުވި ސިޓިއެއްގައި އިރުޝާދު ދީފައިވަނީ، ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް އަލުން އެޅުމަށެވެ.

އަދި ލޮކްޑައުންއަށް ލުއިދިނުމަށް ޑަބްލިޔޫއެޗްއޯއިން ކަނޑައަޅާފައިވާ ޓެކްނިކަލް 6 ކްރައިޓީރިއާގައި ހިމެނޭ އެއްވެސް ކަމެއް ޕާކިސްތާނުން ފުރިހަމަ ކޮށްފައި ނުވާކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެކަމަކު، އަލުން ލޮކްޑައުންއަށް ދިއުމަށް ޕާކިސްތާނުންވަނީ އިންކާރުކޮށްފައެވެ.

ޕާކިސްތާނުގެ ސިއްހަތާބެހޭ އިސް މަސްއޫލުވެރިން ވިދާޅުވެފައިވަނީ، ބައްޔާދެކޮޅަށް ޕާކިސްތާނުން އަޅާނެ ފިޔަވަޅުތަކެއް އެނގޭނީ ޕާކިސްތާނަށް ކަމަށާއި، މިހާރު އަޅާފައިހުރީ ޕާކިސްތާނަށް ފެންނަ އެންމެ ރަނގަޅު ފިޔަވަޅުތައް ކަމަށެވެ.

ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވެސް ވިދާޅުވީ، ޕާކިސްތާނު އަލުން ލޮކްޑައުންއަށް ނުދާނޭ ކަމަށެވެ.

އެހެން ނަމަވެސް، އޭގެ ބަދަލުގައި، އިޖުތިމާއީ ގައިދުރުކަން ގާއިމްކޮށް މޮނިޓަރ ކުރުމާއި، ސާފުތާހިރުކަމުގެ ފިޔަވަޅުތައް އަޅައި މޮނިޓަރ ކުރަމުން ގެންދަވާނޭ ކަމަށް ވިދާޅުވެފައި ވެއެވެ.

ހަމަ އެއާއެކު، އެކަންކަމަށް އަމަލުނުކުރާ ވިޔަފާރިތައް ބަންދުކުރައްވާނޭ ކަމަށްވެސް ބޮޑުވަޒީރު އިމްރާން ޚާން އިންޒާރު ކުރައްވާފައި ވެއެވެ.

ލޮކްޑައުންގެ ހާލަތު މިދިޔަމަހު އުވާލައި، ގައުމު ހުޅުވާލުމުން ޕާކިސްތާނުގައި ކޮވިޑް-19 ބަލީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ.

އިއްޔެއަކީ އެއްދުވަހެއްގައި މިހާތަނަށް އެންމެ ގިނަމީހުން މަރުވި ދުވަހެވެ. އިއްޔެ އެކަނިވެސް ބަލީގައި 107 މީހުން މަރުވެފައިވެއެވެ.

ޕާކިސްތާނުގައި 125،933 މީހުންނަށް ބަލި ޖެހިފައިވާއިރު، އިއްޔެ އެކަނިވެސް 6،397 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ.