• ކޮމިއުނިޓީ ސްޕްރެޑްއުޅޭ ތަންތާނގައި އެންމެން މާސްކްއަޅަންޖެހޭ: ޑަބްލިޔޫއެޗްއޯ

އާބާދީގެ އެންމެން ފޭސްމާސްކް ބޭނުން ކުރަން ފަށައިފިނަމަ ކޮވިޑް-19 ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭ މިންވަރަށް މަދުކުރެވި އަދި ލޮކްޑައުންގެ ބައެއްކަހަލަ ފިޔަވަޅުތަކާއެކު މާސްކް ބޭނުންކުރާނަމަ ބަލީގެ ދެވަނަ ބާއްޏެއް އައުން ހުއްޓުވިދާނޭ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ހެދި ދިރާސާއަކަށްފަހު ދައްކައިފިއެވެ.

މިއީ، އިނގިރޭސިވިލާތުގެ ކޭމްބްރިޖާއި، ގްރީނިޗް ޔުނިވަރސިޓީގެ ސައިންސްވެރިންތަކެއް އިސްވެތިބެ ކުރި ދިރާސާއެކެވެ.

މިދިރާސާގައި ބުނެފައިވަނީ، ލޮކްޑައުންގެ ފިޔަވަޅުތައް އަޅައިގެން އެކަނި ވައިރަސް އަލުން ފެތުރިގަތުން ނުވަތަ ދެވަނަ ބާންޏެއް އައުން ނުހުއްޓުވޭނޭ ކަމަށެވެ.

އެހެން ނަމަވެސް، ފޮތި ބޭނުންކޮށްގެން ގޭގައިހަދާ މާސްކާއި، އެނޫންވެސް އެ ބާވަތުގެ ފޭސް މާސްކް، ގިނަ އަދަދެއްގެ އާންމުން ބޭނުން ކުރާނަމަ މީހުންގެ މެދުގައި ބަލި ފެތުރުމުގެ ރޭޓް ވަރަށް ބޮޑުތަން ކުޑަކުރެވޭނޭ ކަމަށް ހޯދުންތަކުން ދައްކާފައިވާ ކަމަށް ބުނެފައި ވެއެވެ.

ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ރިޗަރޑް ސްޓަޓް ވިދާޅުވީ، ގައުމުތަކުން ބަލިމަޑުކަން މެނޭޖްކުރުމާއި، އިގްތިސާދީ މަސައްކަތްތައް އަލުން ފަށައިގަތުމަށް އިޖުތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތައް އަޅައި، ލޮކްޑައުންގެ ބައެއްކަހަލަ ފިޔަވަޅުތަކާއެކު ގިނަބަޔަކު ފޭސްމާސްކް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިގޮތަށް ކަންތައް ކުރަންޖެހެނީ، ނޭވާލާ ނިޒާމުގެ ތެރެއިން އިންސާނުންގެ މެދުގައި ފެތުރޭ ކޮވިޑް-19 އަށް އަދި މިހާތަނަށް ވެކްސިނެއް ހޯދިފައި ނުވާތީއާއި، މި ބައްޔަކީ ދުނިޔެއަށް މުޅިން އައު ބައްޔަކަށް ވުމުން ކަމަށްވެސް ރިޗަރޑް ސްޓަޓް ވިދާޅުވިއެވެ.

ކޭމްބްރިޖާއި، ގްރީނިޗް ޔުނިވަރސިޓީގެ ސައިންސްވެރިން ހެދި ދިރާސާގެ ނަތީޖާ "ޕްރޮސީޑިންގްސް އޮފް ދަ ރޯޔަލް ސޮސައިޓީ އަ ސައިންޓިފިކް ޖާރނަލް" ގައި ވަނީ ޝާއިއުކޮށްފައެވެ.

ނޭވާލާ ނިޒާމުގެ ޒަރީއާއިން އިންސާނުންގެ މެދުގައި ފެތުރޭ ބަލިތައް، ފޭސްމާސްކް ބޭނުންކުރުމުން މަދުކުރެވޭ ކަމަށް މިހާތަނަށް ދުނިޔޭގައި ހޯދިފައިވަނީ ވަރަށް މަދު ސައިންޓިފިކް ހެކިތަކެކެވެ.

ޚާއްސަކޮށް ކޮވިޑް-19 އަކީ ދުނިޔެއަށް އައު ބައްޔަކަށްވާއިރު، ފޭސްމާސްކް ބޭނުންކުރުމުން ކޮވިޑް-19 ފެތުރުން މަދުކުރެވި ނުވަތަ ހުއްޓުވޭކަމަށް ބާރުލިބިދޭ ހެކިތައް އަދި ވަރަށް މަދެވެ. އެކަމަށް ސައިންސްވެރިން އަދިވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މިފަހުން ދުނިޔޭގައި ހެދި ސައިންޓިފިކް ބައެއް ދިރާސާތަކުގެ ނަތީޖާއަށް ބުރަވެ، އާންމު ތަންތާނގައި އުޅޭއިރު ވީހާވެސް ގިނަމީހުން މާސްކް އަޅައިގެން އުޅުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން މިދިޔަ ހަފްތާގެ ހުކުރު ދުވަހުވަނީ މުޅި ދުނިޔެއަށް އާންމު އިރުޝާދެއް ނެރެފައެވެ.

ޑަބްލިޔޫއެޗްއޯއިން ކުރިން ބުނަމުންގެންދިޔައީ ފޭސްމާސްކް އެޅުން މުހިންމީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި، ބަލީމިހުންނަށް ޚިދުމަތްދޭ ފަރާތްތަކާއި އަދި ބަލިމީހުން ކަމަށެވެ. އެގޮތަށް އިރުޝާދުދީ ގައިޑްލައިނެއްވެސް ނެރުނެވެ.

ނަމަވެސް، އެ ގައިޑްލައިނަށް ބަދަލުގެނެސް، އަލުން އިސްލާހްކޮށް އާންމުންވެސް މާސްކްއަޅަން އިރުޝާދުދީ މިދިޔަ ހަފްތާގައިވަނީ އައު ގައިޑްލައިނެއް އާންމުކޮށްފައެވެ. އޭގައި ސަރުކާރުތަކަށް އިރުޝާދު ދީފައިވަނީ، ކޮމިއުނިޓީ ސްޕްރެޑް އުޅޭ ހުރިހާ ތަނެއްގައި އާންމުން މާސްއަޅައިގެން އުޅުމަށް އެންގުމަށެވެ. މިއީ، ބަލިފެތުރުން މަދުކުރަން މުހިންމު ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކޭމްބްރިޖާއި، ގްރީނިޗް ޔުނިވަރސިޓީގެ ސައިންސްވެރިން ހެދި ދިރާސާއިން ދައްކާފައިވަނީ، ބަލީގެ އަލާމާތްތައް ފެނުމުން މާސްކް އެޅުމުގެ ބަދަލުގައި އާންމު ތަންތާނގައި އުޅޭއިރު މީހުން މާސްކް އަޅާނަމަ މީހުންގެ މެދުގައި ވައިރަސް ފެތުރުމުގެ ފުރުސަތު ދެގުނަ ކުޑަކުރެވިގެންދާ ކަމަށެވެ. ބަލިޖެހޭ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލިޖެހޭ ރޭޓް 1.0 އަށް ތިރިކުރެވިގެންދާނޭ ކަމަށެވެ.

ކޭމްބްރިޖާއި، ގްރީނިޗް ޔުނިވަރސިޓީގެ ސައިންސްވެރިން މާސްކާ ގުޅޭގޮތުން ހެދި ދިރާސާއިން ދެއްކި ނަތީޖާތަކުގައި މާސްކް ބޭނުންކުރުމުން ބަލި ފެތުރުން މަދުކުރެވޭ ކަމަށް ދެއްކި ނަމަވެސް، ބައެއް ސައިންސްވެރިންގެ ޚިޔާލު އެކަމުގައި ތަފާތެވެ.

އިނގިރޭސިވިލާތުގެ ބްރިސްޓޯލް ޔުނިވަރސިޓީގެ އިންފެކްޝަސް ޑިޒީޒް މޮޑެލިންގ އެކްސްޕާޓް ބްރޫކްސް ޕޮލޮކް ވިދާޅުވީ، މާސްކް ބޭނުންކުރުމުން ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭކަމަށް މިހާރު ބެލެވޭ މިންވަރަށްވުރެ އެ ފުރުސަތު ފަހަރުގައި ކުޑަ ވެދާނޭ ކަމަށެވެ.

އެހެން ނަމަވެސް، އޮކްސްފޯރޑް އުނިވަރސިޓީގެ ޕްރޮފެސަރ ޓްރިޝް ގްރީންހާލް ވިދާޅުވީ، ކޭމްބްރިޖާއި، ގްރީނިޗް ޔުނިވަރސިޓީގެ ސައިންސްވެރިން މާސްކާ ގުޅޭގޮތުން ހޯދި ހޯދުންތަކަކީ އުންމީދީ ހޯދުންތަކެއް ކަމަށެވެ. އާންމުންގެ މެދުގައި ވައިރަސް ފެތުރުން ހުއްޓުވަން މާސްކް ވެގެންދާނީ ވަރަށް މުހިންމު އެއްޗަކަށް ކަމަށްވެސް ޕްރޮފެސަރ އިޝާރާތް ކުރައްވާފައި ވެއެވެ.