ޗައިނާގެ ވެރިރަށް ބެއިޖިންގުން ކޮވިޑް-19 ގެ އައު ކޭސްތަކެއް ފެނުމާ ގުޅިގެން ދެ މާރުކޭޓެއް ބަންދުކޮށް، ޕްރައިމެރީ ސްކޫލްތައް ހުޅުވުން ފަސްކޮށްފިއެވެ.

މިއީ، ވޭތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި ބެއިޖިންގުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރުކަމަށް ޗައިނާއިން ބުނެއެވެ. އަލަށް ފެނިފައިވަނީ ޕޮޒިޓިވް 3 ކޭސްއެވެ.

ޗައިނާގައި މި ބަލިމަޑުކަން ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ލޮކްޑައުންއަށް ލުއިތައްދީ، ގައުމު އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ވެރިރަށުން އައު ޕޮޒިޓިވް ކޭސްތައް ފެނުމާ ގުޅިގެން ވައިރަސް އަލުން ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އުފެދިގެން ގޮސްފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ. އެކަމުގެ ކަންބޮޑުވުންތައް އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.

ޗައިނާއިން މިފަހުން ޕޮޒިޓިވްވެފައިވާ ގިނަ މީހުންނަކީ، ގައުމުން ބޭރުން އައި ރައްޔިތުންނެވެ.

ނަމަވެސް، އިއްޔެއާއި މިއަދު އަލަށް ޕޮޒިޓިވްވި 3 މީހުންނަކީ ވެރިރަށް ބެއިޖިންގުން ބޭރަށް ދަތުރުކުރުމުގެ އެއްވެސް ހިސްޓަރީއެއް ނެތް މީހުން ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެންމެފަހުން ޕޮޒިޓިވްވި 3 މީހުންގެ ތެރެއިން ދެމީހުންނަކީ ޗައިނާ މީޓް ރިސާޗް ސެންޓަރުގެ ދެ މުވައްޒަފުން ކަމަށް، ސަރުކާރުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައިވެއެވެ. އަނެއްމީހާ ޗައިނާގެ އިރުމަތީ ކިންޑާއޯއަށް ދަތުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ބަންދުކޮށްފައިވަނީ ބެއިޖިންގައި އެއްގަމުމަހާއި، ސީފޫޑްގެ ބާވަތްތައް ވިއްކާ ދެ މާރުކޭޓު،، އެތަންތަން ބަންދުކުރީ ބައްޔަށް ޕޮޒިޓިވްވި މީހުން އެ މާރުކޭޓުތަކަށް ގޮސްފައިވާތީ ކަމަށް ޗައިނާގެ މީޑިއާއިން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީން ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެތުރޭން ފެށީވެސް މަހުގެގޮތުގައި ބޭނުންކުރާ ވަލުޖަނަވާރު ވިއްކާ މާރުކޭޓަކުން ކަމަށް ވަނީ ބެލެވިފައެވެ.

އައު ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެން ބެއިންޖިންގ އެޑިއުކޭޝަން ކޮމިޝަނުން ބުނެފައިވަނީ، ގްރޭޑް 1،2،3 ގެ ކުދިން އަންނަ ހޯމަދުވަހު ސްކޫލަށް ކިޔަވަންދާގޮތަށް ކުރިން ނިންމާފައި އޮތް ނިންމުން މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިހާރު ސްކޫލަށް ކިޔަވަންދާ ގްރޭޑްތަކުގެ ދަރިވަރުން ހަރުކަށި އުސޫލުތަކަކާއެކު ސްކޫލަށް ދިއުން މެދުކަނޑާ ނުލައި ކުރިއަށްދާނޭ ކަމަށެވެ.

ޗައިނާއިން ކޮވިޑް-19 އަށް 83،075 މީހުން ޕޮޒިޓިވް ވިއިރު، ވެރިރަށް ބެއިޖިންގުން ޕޮޒިޓިވްވީ 597 މީހުން،، އޭގެ ތެރެއިންވެސް 174 މީހުންނަކީ ގައުމުން ބޭރުން އައި މީހުންނެވެ.

ވެރިރަށް ބެއިޖިންގުގައި ބަލިފެތުރުން ހުއްޓުވުމުގެ ގޮތުން ޗައިނާ ސަރުކާރުން ގެންދިޔައީ، ބެއިޖިންގަށް އަންނަ ބައިނަލްއަގްވާމީ ހުރިހާ ފްލައިޓްތަކެއް އެހެން ސިޓީތަކަށް ފޮނުވަމުންނެވެ. އެގޮތުން ބޭރުން އަންނަ އެންމެން ދޫކޮށްލަމުން ގެންދިޔައީ ކަރަންޓީނުކޮށް އަދި ޓެސްޓްވެސް ކުރުމަށްފަހުއެވެ.