ދެދުވަސްތެރޭ ޕޮޒިޓިވް އައު 7 ކޭސް ފެނުމާ ގުޅިގެން ޗައިނާގެ ވެރިރަށް ބެއިޖިންގްގެ ބައެއް ސަރަހައްދުތައް ލޮކްޑައުންކޮށްފިއެވެ.

ލޮކްޑައުންކޮށް އާންމުން ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވަނީ ބެއިޖިންގ ދެކުނުގެ ފެންގްޓައި ޑިސްޓްރިކްޓްގައެވެ.

އެ ޑިސްޓްރިކްޓްގެ 11 އަވަށެއް ލޮކްޑައުންކޮށް އާންމުން ގެއިން ބޭރަށް ނުކުތުން މަނާކުރުމުގެ އިތުރުން، އެއްގަމު މަސްވިއްކާ ޝިންފަޑި މާރުކޭޓުވެސް މިހާރުވަނީ ބަންދުކޮށްފައެވެ.

އަދި އާންމު އެއްވުންތަކާއި ކުޅިވަރު ހަރަކާތްތައްވެސް މިހާރުވަނީ ކެންސަލްކޮށްފައެވެ.

ޝިންފަޑި މާރުކޭޓަކީ ޗައިނާގެ ވެރިރަށް ބެއިޖިންގައި އެއްގަމު މަސްވިއްކާ އެންމެބޮޑު ހޯލްސޭލް މާރުކޭޓެވެ.

ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ބެއިޖިންގުން ބައްޔަށް ޕޮޒިޓިވްވި ކަމަށް އިއްޔެ ރެކޯޑު ކުރެވުނު ފުރަތަމަމީހާ މިދިޔަ ހަފްތާގައިވަނީ ޝިންފަޑި މަސްމާރުކޭޓަށް ޒިޔާރަތް ކޮށްފައެވެ. އެމީހާއަކީ ބެއިޖިންގުން ބޭރަށް ދަތުރުކޮށްފައި ނުވާ މީހެއްކަމަށް ވެއެވެ.

މިއަދު އަނެއްކާވަނީ އިތުރު 6 މީހުން ޕޮޒިޓިވްވެފައެވެ.

އެ ހަމީހުންގެ ތެރެއިން ތިންމީހުންނަކީ ޝިންފަޑި މާރުކޭޓުގައި މަސައްކަތްކުރާ ތިންމީހުންނެވެ. ދެން ޕޮޒިޓިވްވެފައިވަނީ އެ މާރުކޭޓަށް ޒިޔާރަތްކުރި އެހެން މީހަކާއި، އަދި ޗައިނާ މީޓް ރިސާޗް ސެންޓަރުގައި މަސައްކަތްކުރާ ދެމީހުންނެވެ.

ޗައިނާ މީޓް ރިސާޗް ސެންޓަރު ހުންނަނީ ޝިންފަޑި މަސް މާރުކޭޓާ 7 ކިލޯމީޓަރު ދުރުގައެވެ.

ޗައިނާ މީޓް ރިސާޗް ސެންޓަރުގައި މަސައްކަތްކުރާ މީހަކު މިދިޔަ ހަފްތާގައި ޝިންފަޑި މަސްމާރުކޭޓަށް ޒިޔާރަތްކުރި ކަމަށް ވެއެވެ.

މިކަމާހެދި ޑިސްއިންފެކްޓް ކުރުމަށާއި، ސާމްޕަލް ނެގުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ޝިންފަޑި މަސްމާރުކޭޓު ވަށައިގެން ބަންދުކޮށް އެތަން ބަލަހައްޓަން އަސްކަރީ ފުލުހުން ނެރެފައިވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހަކު ޒިޔާރަތްކުރި ސީފޫޑް މާރުކޭޓެއްވެސް ވަނީ ބަންދުކޮށްފައެވެ.

އަދި އެހިސާބާ ގާތުގައިހުރި 9 ސްކޫލެއްވެސް ކިޔަވައިދިނުން މެދުކަނޑާލައި މިހާރުވަނީ ބަންދުކޮށްފައެވެ.

ފެންގްޓައި ޑިސްޓްރިކްގެ އޮފިޝަލެއް ކަމަށްވާ ޗޫ ޖުންވޭ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ޕޮޒިޓިވް ކޭސްތައް ފެނުމާ ގުޅިގެން އެ ޑިސްޓްރިޓް މިހާރު ކުއްލި ހާއްލަތަށް ގެނެސްފައިވާ ކަމަށެވެ.

ޗޫ ޖުންވޭ ވިދާޅުވީ، ޕޮޒިޓިވް ކޭސްތައް ފެނުމާ ގުޅިގެން ޝިންފަޑި މަސްމާރުކޭޓުން މިއަދުގެ މިހާތަނަށް އިތުރު 517 މީހަކު ޓެސްޓްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 45 މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޗައިނާގައި ހަދާ ޓެސްޓްތަކުން ޕޮޒިޓިވްކަމަށް ދެއްކި ނަމަވެސް ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ނުހިނަމައެވެ.

ޗޫ ވިދާޅުވީ، މަސް މާރުކޭޓުން 10،000 މީހުން ޓެސްޓުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގުން ޕޮޒިޓިވް ކޭސްތަކެއް ފެންނާން މިފެށީ، ބަލިމަޑުކަން ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ލޮކްޑައުންއަށް ލުއިތައްދީ، ގައުމު އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ވެރިރަށުން އައު ޕޮޒިޓިވް ކޭސްތައް ފެނުމާ ގުޅިގެން ވައިރަސް އަލުން ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އުފެދިގެން ގޮސްފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ. އެކަމުގެ ކަންބޮޑުވުންތައް އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.