ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސް ވަހީދުގެ ދެކަނބަލުންނާ މީހަކު ދިމާކޮށް ފުރައްސާރަކުރިކަން އެމަނިކުފާނު ވަނީ މިއަދު ހެނދުނު ޓުވިޓާގައި ހާމަކުރައްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއަދު ހެނދުނު ދެކަނބަލުންނާ ދިމާކުރީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށެވެ. އަދި އުސްފަސްގަނޑު ސަރަހައްދުގައި ހެނދުނު ކަސްރަތަށް ނުކުމެއުޅުނު މީހުންނަށް އެމަންޒަރު ފެންނާނެ ކަމަށެވެ.

ރައީސް ވަހީދުގެ ޓުވީޓުގައި މި އަމަލު ކުށްވެރިކުރައްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޓެގް ކުރައްވާފައި ވެއެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ ހިއުމަން ރައިޓްސް ވޮޗުގެ އިތުރަށް ފުލުހުންނާއި އެމްއެންޑީއެފް ވެސް ޓެގް ކުރައްވާފައި ވެއެވެ.

ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ހެނދުނު 6:30 ހާއިރު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ދެކަނބަލުންނާ ދިމާކުރި މީހާ، ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔަމުން ފަހަތުން އުޅުނު ކަމަށެވެ. އެމްއެންޑީއެފް ސެކިއުރިޓީން އަރިހުގައި ތިބި ކަމަށާއި ސެކިއުރިޓީން ވަނީ ވަގުތުން ފުލުހުންނަށް އެކަން އަންގާފައި ކަމަށެވެ.

ފުލުހުންގެ އިދާރާއިން ބުނީ ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި މައްސަލައެއް ހެނދުނު 07:07 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރައީސް ވަހީދާ ދިމާކުރީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް އެމަނިކުފާނު ހާމަކުރައްވާފައިވާއިރު، އެމަނިކުފާނަކީ 2008 ގައި އެކުލަވާލެވުނު ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ނައިބެވެ. 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ނާއިބުރައީސްގެ ހައިސިއްޔަތުން ވެރިކަމާ ހަވާލުވެވަޑައިގެން 2013 ގައި އެ ދައުރު ނިމެންދެން ވެރިކަން ކުރެއްވީ ރައީސް ވަހީދެވެ. އޭރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތާއި ސިޔާސީ މަސްރަހަށް އައި ބަދަލުތަކުގެ ސަބަބުން އެމްޑީޕީގެ ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އެންމެ ބޮޑަށް އަމާޒުވި އެއް ބޭފުޅަކީ ރައީސް ވަހީދެވެ.

ކުރީގެ ރައީސް ވަހީދުގެ ދެކަނބަލުންނާއި އެމްޑީޕީ އެކްޓިވިސްޓަކު ދިމާކޮށް ފުރައްސާރަކުރި މައްސަލަ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ. އެއީ ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށް ބުނެ ޝުއޫރު ފާޅުކުރި މީހުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ.