މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް މުހައްމަދު އަސްލަމް އައްޔަން ކުރައްވައިފިއެވެ.

މުހައްމަދު އަސްލަމް މަގާމުގެ ހުވާކުރެއްވުމާއި، އެމަނިކުފަނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރެވެ.

އަސްލަމް މީގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމުގައެވެ. ނަމަވެސް ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އުވާލައްވައި ޕްލޭނިން މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ބަދަލުކުރައްވާފައެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން ހައުސިން މިނިސްޓްރީން ކުރަމުންއައި މަސައްކަތްތައް ޕްލޭނިން މިނިސްޓްރީއަށް ވަނީ ބަދަލުކުރައްވާފައެވެ. އަދި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ވެސް އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ހައުސިން މިނިސްޓްރީ އުވާލައްވައި އެ މިނިސްޓްރީން ކުރަމުންއައި މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައި މިވަނީ ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އާމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެކަމަނާ އިސްތިއުފާ ދެއްވީ އާލާސްކަންފުޅާ އުޅުއްވާތީއެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރުކަން ކުރެއްވި އާތިފާ ކޮށްދެއްވި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ އެކަމަނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.