މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ވީމީޑިއާގެ ޕްރެޒެންޓަރު އާމިނަތު އަމީނާ އައްޔަންކުރައްވައިފިއެވެ.

ހައްދުންމަތީ ކުނަހަންދޫ ހަނދުވަރީގެ، އާމިނަތު އަމީނާ މި މަގާމަށް ޢައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް އާމިނަތު އަމީނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އަމީނާގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

އަމީނާ (އަނާ) އެންމެ ފަހުން އަދާކުރެއްވީ ވީމީޑިއާގެ ސީނިއަރ އެޑިޓަރުގެ މަގާމެވެ. އަނާއަކީ ޚަބަރު ކިއުމާއި، ޕްރޮގްރާމްތައް ހުށަހެޅުމާއި، ޕްރޮގްރާމްތައް އުފެއްދުމުގައި ރާއްޖޭގެ މަޝްހޫރު މޫނެކެވެ. އަދި ތަޖުރިބާކާރު ނޫސްވެރިއެކެވެ.

އާމިނަތު އަމީނާ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވަނީ ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންނެވެ. މީގެ އިތުރަށް އަމީނާ ވަނީ ގައުމީ ޔުނިވަރސިޓީން ޖާރނަލިޒަމް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ.

މީޑިއާ ދާއިރާގެ ގިނަ ތަމްރީނުތަކެއް ފުރިހަމަ ކުރެއްވުމުގެ އިތުރަށް އަމީނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑް ދެފަހަރެއްގެ މަތިން ހާސިލުކުރައްވާފައެވެ.