މާލޭގެ މަގުމަތީގައި ތޮއްޖެހުން ކުޑަކޮށް އެއްގަމު އުޅަނދު ޕާކްކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިމަޝްވަރާގެ ބައްދަލުވުން ބޭއްވީ އޮންލައިންކޮށް ކަމަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބިގެންދާއިރު އަލުން މަގުތައް ތޮއްޖެހި ކާރޫބާރު ބޮޑުވުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނާއި މަގުތައް ބޭނުންކުރާ ފަރާތްތަކާއި ދުއްވާ އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ކުރަމުންއައި މަސައްކަތްތައް މާލެ ސަރަޙައްދުގެ ލޮކްޑައުންއަށް ލުއި ދިނުމަށްފަހު އަލުން އެގޮތުގައި ކުރިޔަށްގެންދިއުމާ ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއާއި، އެމިނިސްޓްރީގެ ބައެއް އިސްވެރިންނާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދާއި ފުލުހުންގެ ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މާލޭގެ ޓްރެފިކްގެ މައްސަލަތަކަށް ލުޔެއް ހޯދުމުގެގޮތުން މާލެ ސަރަޙައްދުގެ ލޮކްޑައުންގެ ކުރިން ކުރަމުންގެންދިޔަ މަސައްކަތްތައް އަލުން ކުރިޔަށް ގެންދިޔުމަށް ވަނީ އެދިވަޑައިގެންފައެވެ.

އަދި މާލޭގެ މަގުތަކަކީ ތޮއްޖެހުން ކުޑަ ހިތްފަސޭހަ ތަނަކަށް ހެދުމަށް މިހާރުން މިހާރަށްވެސް ކުރެވެންހުރި ކަންކަން ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ވީހާވެސް އަވަހަށް ކުރިޔަށް ގެންގޮސްދެއްވުމަށްވެސް ނައިބް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ވެހިކަލް ޕާކިންގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންކަމާއި ޓްރެފިކްގެ ކަންކަން ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިޔަށްގެންދިއުމަކީ މުހިންމު ކަމެއް."
ނައިބު ރައީސް

ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފުޅާކޮށް މި ޚިދުމަތް ހަރުދަނާކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބް ވަނީ ކުރިޔަށް އޮތްތަނުގައި ޓްރެފިކްގެ ކަންކަމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.