ސައުދީ އަރަބިއްޔާއިން އެއް ދުވަހެއްގައި ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،233 މީހުން އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 40 މީހުން މަރުވެފައިވާ ކަމަށެވެ.

މިއީ، އެގައުމުން ކޮވިޑް-19 ފެނުނުފަހުން މިހާތަނަށް އެއްދުވަހެއްގައި މިހާ ގިނަމީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 127،541 އަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 972 އަށް އަރާފައެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 84،720 އަށް އަރާފައެވެ.

ބަލީގެ ހާލަތު މިހާރު އެންމެ ގޯސްވެފައިވަނީ ވެރިރަށް ރިޔާޟްގައެވެ. ވެރިރަށް ރިޔާޟުން އިއްޔެ އެކަނިވެސް 1،735 މީހުން ޕޮޒިޓިވްވެފައިވެއެވެ.

ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ސައުދީ ސަރުކާރުންވަނީ، ސިއްހީ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.

ވެރިރަށް ރިޔާޟުން ގިނައިން ޕޮޒިޓިވްވަނީ ޒުވާނުން ކަމަށްވާތީ، ޚާއްސަކޮށް ޒުވާނުން ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް ސަރުކާރުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

ސައުދީ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޑރ. މުހަންމަދު އަލް-އަބްދިލް އަލީ ވިދާޅުވީ، ސައުދީ އަރަބިއްޔާއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ %90 އަކީ ވެރިރަށުން ޕޮޒިޓިވްވި މީހުން ކަމަށެވެ.

މިކަމާހެދި، އިޖުތިމާއީ ގައިދުރުކަމަށް އަޅާފައިވާ ފިޔަވަޅުތަކަށާއި، ސިއްހީ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރިޔާޟްގެ ރައްޔިތުންނާއި، ރިޔާޟްގައި ދިރިއުޅޭ އެންމެންވެސް ފުރިހަމައަށް ބޯލެނބުމަށް ތަރުޖަމާނުވަނީ ގޮވާލައްވާފައެވެ.

ރިޔާޟްގައި ބަލި ފެތުރުން އިތުރުވެގެން ގޮސްފައިވަނީ ތޮއްޖެހުން ބޮޑުކަމުން ކަމަށް ސައުދީ އަރަބިއްޔާގެ އޮފިޝަލުން ވިދާޅުވެއެވެ.

ރިޔާޟް ފިޔަވައި، ސައުދީ އަރަބިއްޔާގައި ދެން އެންމެ ގިނަމީހުން ޕޮޒިޓިވް ވެފައިވަނީ ޖިއްދާއިންނެވެ.

ޕޮޒިޓިވް ކޭސްތައް ދެން އެންމެ ގިނައިން ފެނިފައިވާ ރަށްތަކުގެ ތެރޭގައި މައްކާ، ދައްމާމް، މަދީނާ، ޙުފޫފް، ޤާތިފް، ވާދީ އައް-ދުވާސިރް ހިމެނެއެވެ.

ދެން ހިމެނެނީ ސައުދީ އަރަބިއްޔާގެ އެހެނިހެން ސިޓީތަކުން ރިޕޯޓްކޮށްފައިވާ ޕޮޒިޓިވް ކޭސްތަކެވެ.