މެލޭޝިޔާގެ ކުއަލަލަންޕޫރުން މިހަފްތާގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ 2 ފުލައިޓްގެ ބެގޭޖް އެލަވަންސްއަކީ 30 ކިލޯކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ މި ދެ ފްލައިޓުން ރާއްޖެ އައުމަށް ނެގި ޓިކެޓްތަކުގެ ތެރެއިން ބައެއް ޓިކެޓުތަކުގައި ބެގެޖް އެލަވެންސްގެ ގޮތުގައި 20 ކިލޯ ޖެހިފައިވަނީ އޮޅުމަކުންކަމަށެވެ.

މިމަހުގެ 15 އަދި 17 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ މި ދެ ފްލައިޓްގައި ރާއްޖެއައުމަށް 450 އެއްހާ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށާއި، އެ ދެ ފްލައިޓުގައި މުޅި ޖުމްލަ 400 އެއްހާ މީހުން ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް19 އާ ގުޅިގެން ބޭރުގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ސަރުކާރން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިހާތަނަށް 14 ގައުމަކުން ދިވެހިން ވަނީ ގެނެސްފައެވެ. މީގެއިތުރުން ލްޑިވިއަންގެ ކާގޯ ފްލައިޓުތަކުގައި މިހާތަނަށް 700 ޓަނުގައި ކާގޯވަނީ ގެނެސްފައެވެ.