• އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 332،424 އަށް

އިންޑިއާގެ ޗެންނާއީ ސިޓީގައި ބަލި ފެތުރުން ހުއްޓުވަން ދީފައިވާ ލުއިތައް އުވާލައި އަނެއްކާވެސް ފުލް ލޮކްޑައުންއަކަށް ދާން ނިންމައިފިއެވެ.

ޗެންނާއީ ސިޓީއަކީ ޓެމިލް ނާޑޫ ސްޓޭޓްގެ ވެރިކަންކުރާ ރަށެވެ.

ޓެމިލް ނާޑޫ ސްޓޭޓް ސަރުކާރުން މިއަދު ބުނެފައިވަނީ، އަންނަ ހުކުރު ދުވަހުން ފެށިގެން ޖޫންމަސް ނިމެންދެން ޗެންނާއީ އަލުން ފުލް ލޮކްޑައުންއަކަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.

ޗެންނާއީގެ އިތުރުން، އެ ސިޓީއާ އަވަށްޓެރި ތިރުވައްލޫރު، ޗެންގާލްޕެޓް، ކާންޗިޕޫރަމް ޑިސްޓްރިކްޓްވެސް ފުލް ލޮކްޑައުންގެ ހާލަތަށް ގެނައުމަށް ނިންމާފައިވާ ކަމަށް ޓެމިލް ނާޑޫ ސްޓޭޓް ސަރުކާރުން ބުނެފައި ވެއެވެ.

ލޮކްޑައުންގެ މި ހާލަތުގެ ސަބަބުން، ޗެންނާއީއާއި، އެ ސިޓީގެ އަވަށްޓެރި ޑިސްޓްރިކްޓްތަކުގައި ދިރިއުޅޭ 15 މިލިއަނަށްވުރެ ގިނަމީހުންނަށް މިކަމުގެ އަސަރު ކުރާނެއެވެ.

ޓެމިލް ނާޑޫ ސްޓޭޓަކީ އިންޑިއާގައި ކޮވިޑް-19 ބަލީގެ ހާލަތު ދެވަނައަށް އެންމެގޯސްވެފައިވާ ސްޓޭޓެވެ.

އިންޑިއާގައި ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ މަހާރަޝްޓްރާ ސްޓޭޓެވެ.

މުޅި އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 332،424 އަށް އަރާފައި ވާއިރު، ޓެމިލް ނާޑޫ ސްޓޭޓުން އެކަނިވެސް 44،000 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

އިންޑިއާގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާއިރު، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހޮސްޕިޓަލްތައް ފުރި ބަންޑުންވުމާއި، ބަލިޖެހޭ އެންމެނަށް ސިއްހީ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ނުދެވޭ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ވެރިރަށް ނިއުދިއްލީގައި ހޮސްޕިޓަލްތައް ފުރުމުގެ މައްސަލަ ބޮޑުވެފައި ވެއެވެ.

މިކަމާހެދި އިންޑިއާ ސަރުކާރުގެ ހޯމް މިނިސްޓަރ ވަނީ، ބަލިމީހުންނަށް ފަރުވާދިނުމަށް ވަގުތީ ވޯޑުތައް ހެދުމަށް 500 ރޭލުބައި ދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.

ނިއުދިއްލީގެ ހޮސްޕިޓަލްތަކުގައި ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދިނުމަށް ޚާއްސަވެފައި ހުރީ 9،000 އެނދު ކަމަށްވާއިރު، ނިއުދިއްލީގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، މިވަގުތަށްވެސް 15،000 އެނދު ބޭނުންވާ ކަމަށެވެ.

އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 11،000 އަށްވުރެ ގިނަމީހުން ބައްޔަށް އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ވޭތުވެދިޔަ 3 ދުވަހުވެސް ޕޮޒިޓިވް ކޭސްތައް ވަނީ ރެކޯޑު އަދަދަކަށް އިތުރުވެގެން ގޮސްފައެވެ.

ކޮވިޑް-19 ބަލީގައި އިންޑިއާއިން މިހާތަނަށްވަނީ 9،520 މީހުން މަރުވެފައެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މުޅި އިންޑިއާ ލޮކްޑައުންގެ ހާލަތަށް ގެނައުމަށްފަހު މިހާރުވަނީ ބޮޑެތި ލުއިތައް ދޭން ފަށާފައެވެ. ލުއިތައް ދޭން ފެށުމާއެކު ބަލީގެ ހާލަތު ހައްތަހާ ދަނީ ގޯސްވަމުންނެވެ.

ޕޮޒިޓިވް ކޭސްތައް އަލުން ފެންނާން ފެށުމާ ގުޅިގެން ޗައިނާގެ ވެރިރަށް ބެއިޖިންގްގެ ބައެއް ސަރަހައްދުތައްވެސް މިހާރުވަނީ ލޮކްޑައުންކޮސް، ބަލި ފެތުރުން ހުއްޓުވަން ކުރިން އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރެއިން ލުއިދިން ވަރަށް ގިނަ ފިޔަވަޅުތައް އަލުން ގާއިމްކޮށްފައެވެ.