ބަނގްލަދޭޝް ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ކޮވިޑް-19 ބަލީގައި އަވަހާރަވެއްޖެއެވެ.

ކޮވިޑް-19 ބަލީގައި އަވަހާރަވެފައިވަނީ ސްޓޭޓް މިނިސްޓަރ ފޮރ ރިލިޖަސް އެފެއަރޒް، އުމުރުފުޅުން 75 އަހަރުގެ ޝައިޚް މުހަންމަދު އަބްދުﷲ އެވެ.

މީޑިއާއިން ބުނެފައިވަނީ، ޝައިޚް މުހަންމަދު އަބްދުﷲ ގެ ބަލިހާލަތު ބޮޑުވެގެން ވެރިރަށް ޑާކާ ސެންޓްރަލް މިލިޓަރީ ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއްނުވަނީސް ޝައިޚް މުހަންމަދު އަބްދުﷲ އަވަހާރަވެފައިވާ ކަމަށް، އޭނާގެ އިސް އެހީތެރިއެއް ކަމަށްވާ ނަޒްމުލް ހައްގު ވިދާޅުވެފައި ވެއެވެ.

ނަޒްމުލް ހައްގު ވިދާޅުވީ، ޝައިޚް މުހަންމަދު އަބްދުﷲ މިފަހުން އުޅުއްވީ ވަރަށްގިނަ އާލާސްކަންފުޅުތަކުގައި ކަމަށާއި، އޭގެ ތެރޭގައި ހަކުރުބަލީގެ އާލާސްކަންފުޅުވެސް ހިމެނޭ ކަމަށެވެ.

ރިލިޖަސް އެފެއަރޒް މިނިސްޓްރީން ބުނެފައިވަނީ ސްޓޭޓް މިނިސްޓަރ އަވަހާރަވީ ހިތްޕުޅު ހުއްޓިގެން ކަމަށެވެ.

ބަނގްލަދޭޝް ސަރުކާރުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއަރޒްގެ ތަރުޖަމާނު އަންވަރު ހުސައިން ވިދާޅުވީ، ޝައިޚް މުހަންމަދު އަބްދުﷲ އަވަހާރަވިފަހުން ޑޮކްޓަރުން އޭނާގެ ހަށިކޮޅުން ސާމްޕަލް ނަގައި އިއްޔެ ޓެސްޓްކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޝައިޚް މުހަންމަދު އަބްދުﷲ އަކީ، ކޮވިޑް-19 ބަލީގައި ބަނގްލަދޭޝްއިން އަވަހާރަވި ސަރުކާރުގެ އެންމެ އިސް އޮފިޝަލެވެ.

ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ކެބިނެޓްގެ އިތުރު 2 ވަޒީރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިހާރުވެސް ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

ޝައިޚް މުހަންމަދު އަބްދުﷲ އަވަހާރަވުމާ ގުޅިގެން ބޮޑުވަޒީރު ޝައިޚް ހަސީނާވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ޝައިޚް މުހަންމަދު އަބްދުﷲ އަކީ އާންމުންގެ މެދުގައި ވަރަށް މަގްބޫލް ލީޑަރެއް ކަމަށާއި، އޭނާ އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ފުން ހިތާމައެއް ކަމަށް ވިދާޅުވެފައި ވެއެވެ.

ބަނގްލަދޭޝްއިން މިހާތަނަށް ކޮވިޑް-19 އަށް 88،000 އަށްވުރެ ގިނަމީހުން ޕޮޒިޓިވްވެފައިވާއިރު، ބަލީގައި 1،171 މީހުން ބަލީގައި މަރުވެފައި ވެއެވެ.

ބަލިޖެހުނު މީހުންގެ ތެރެއިން 18،730 މީހުން ބަލިން ފަސޭހަވެފައި ވެއެވެ.