ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޮޑު މައްސަލައަކާ ކުރިމަތިލާން ނުޖެހި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވުނުކަމީ ޚިދުމަތް އިތުރަށް ފުރިހަމަކުރެވިފައިވާކަން ހާމަވަ ކަމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރި މުއްދަތުގައި ސްޓެލްކޯގެ އެތެރޭގައި ލޮކްޑައުންގައި ތިބި މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ މަސައްކަތްތަކަށް އެންމެ ބާރުބޮޑުވާ ދުވަސްވަރަކީ ހޫނު މޫސުމުގެ ދުވަސްވަރު ކަމަށެވެ. އެހެންނަމަވެސް ކޮވިޑްގެ ހަލާތުގައި ސްޓެލްކޯގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއްްކޮށް އެހެން އަަހަރުތަކުގެ ހޫނުމޫސުމުގައި ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ހޯދަދީފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

އަދި އެހެން އަހަރުތަކުގެ ރޯދަ މަހުވެސް ކަރަންޓުގެ އެކިއެކި މައްސަލަތައް ދިމާވާއިރު، މިއަހަރު އެފަދަ އެއްވެސް މައްސަލައަކާ ކުރިމަތިލާންނުޖެހި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާކަން މުޣުނީ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި މިއޮތް ހިތްހަމަޖެހުމަކީ މިއަހަރުގެ ތެރޭގައި ކަރަންޓު ކެނޑިގެނެއް ނުދޭ. އެހެންވީމަ އާންމު ރައްޔިތުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ ހިދުމަތް އެންމެ ފުރިހަމަޔަށް ދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން.
ހަސަން މުޣުނީ

މުޣުނީ ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރިމަތިލާންޖެހިދާނެ ހާލަތަކަށް ބަލައި، އެންމެ ފުރަތަމަ ތައްޔާރީތައް ވާންފެށި ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ ހިމެނޭ ކަމަށެވެ. މިކަމަށް ތައްޔާރުވުމަށް ފެބްރުއަރީ މަހުން ފެށިގެން އެކުލަވާލި އެސްއޯޕީތަކާއި، އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާތަނަށް ސްޓެލްކޯގެ އެއްވެސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިނުވާކަން މުޣުނީ ފާހަގަކުރެއްވިއެވެ

ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެތަކުގައި މުޅިއެކު 217 މުވައްޒަފުން ލޮކްޑައުންވެފައިވާއިރު މި މުވައްޒަފުން ލޮކްޑައުންގައި 59 ދުވަސް ހޭދަކޮށްފައިވެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އާއިލާއާ ދުރުގައި ތިބެގެން ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ކުރި މަސައްކަތްތައް ބަލައިގަނެ، ސްޓެލްކޯއިން ވަނީ އެމީހުންގެ އަގު ވަޒަންކޮށްފައެވެ.