އާންމުންގެ މީހަކަށް އަނިޔާކުރި މައްސަލައިގައި ފުލުހުންގެ 4 އޮފިސަރަކާމެދު ފިޔަވަޅު އެޅުމަށް ނިންމައި އޭގެ ތެރެއިން ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާންމުންގެ މީހަކަށް އަނިޔާކުރި މައްސަލައިގައި ތިން އޮފިސަރަކު ވަޒީފާއިން ވަކިކޮށް އަނެއް އޮފިސަރުގެ މަގާމް ދަށްކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ހިނގި ކަމަކާ ގުޅިގެން ހަތަރު ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް އިއްޔެ ނިންމީ ފުލުހުންގެ ޑިސިލިނަރީ ބޯޑުންކަން ސީޕީ ފާހަގަކުރެއްވިއެވެ.

މިކަމުގެ އިތުރު ތަފުސީލު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހަތަރު ފުލުހަކާމެދު ފިޔަވަޅު އެޅުމަށް ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު، ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކު، މަސްވެރިން ޕާކު ސަރަހައްދުގައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު، އެމީހާއަށް އަނިޔާކޮށް، އިންސާނީ ކަރާމަތަށް އުނިކަން ލިބޭފަދަ އަމަލުތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑް ކޮމާންޑުން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެބޯޑުން އިއްޔެ އެގޮތަށް ނިންމާފައިވާ ކަމަށެވެ. ބޯޑުން ނިންމި ނިންމުން އިސްތިނާފު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި އެ ފުލުހުންނަށް ލިބިގެންވާކަން ފުލުހުންގެ މީޑިއާ އޮފިސަރު ފާހަގަކުރެއްވިއެވެ.

ސީޕީގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ހަތަރު ފުލުހަކާމެދު ފިޔަވަޅު އެޅުމަށް ނިންމި ނިންމުމުން ދޭހަވަނީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެންމެންވެސް އެދޭ ގޮތަކީ އެ މުއައްސަސާ އިސްލާހުވުންކަން ފާހަގަކުރައްވައި ވިދާޅުވީ ތަހުޒީބީ ގޮތުގައި އެކަން ކުރެވިދާނެ ކަމަށާއި ނަމަވެސް ޖެއްސުންކޮށް އަގުވައްޓާލުންފަދަ ކަންކަން ބަލައިނުގަނެވޭ ކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ 34 އިންސައްތައަކީ އޭލެވެލް އަށްވުރެ މަތީ ފާސްތައް އޮތް ބޭފުޅުން ކަމަށާއި 220 އޮފިސަރުންނަކީ ޕޯސްޓްގްރެޖުއޭޓް ޑިގްރީ އޮތް ބޭފުޅުން ކަމަށެވެ. ފުލުހުންގެ ކިބައިގައި ހުންނަ ގިނަ ހުނަރުތަކަކީ ވަޒީފާގެ މައިދާނުން ހާސިލްކުރާ ކަންކަން ކަމަށާއި އެއީ މުޅި ދުނިޔެ ވެސް ދަންނަ ކަމެއް ކަމަށެވެ. ތައުލީމީގޮތުން ހޯދާ މަތީ ފާސްތައް އަންނަނީ ހުނަރާއި ތަޖުރިބާގެ ފަހަށްކަން ސީޕީ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ތައުލީމާއި ހުނަރުގެ ފެންވަރާ ގުޅޭގޮތުން ސީޕީ ވާހަކަދައްކަވާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގައި ފުލުހުންގެ ޚިދުމަތުގެ ބިލުގެ ބަހުސް ކުރިއަށް ދަނިކޮށެވެ. އެ ބިލުގެ ބަހުސްގައި ފުލުހުންގެ ތައުލީމީ ފެންވަރާއި ހުނަރާއި އަޚްލާގީ މިންގަނޑާމެދު ބައެއް މެންބަރުން ސުވާލު އުފައްދަވާފައި ވެއެވެ. އަދި ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން މުޅި މުއައްސަސާއަށް ބަދުބަސް ރައްދުވެ، އާންމުންގެ ފާޑުކިޔުން ވެސް ވަނީ ބޮޑުވެފައެވެ.