ޗައިނާގެ ވެރިރަށް ބެއިންގްގެ ހުރިހާ ސްކޫލްތައް ބަންދުކުރަން ބެއިޖިންގ އެޑިއުކޭޝަން ކޮމިޝަނުން އަމުރު ކޮށްފިއެވެ.

ސްކޫލްތައް ބަންދުކުރަން ބެއިޖިންގެ އެޑިއުކޭޝަން ކޮމިޝަނުން މި އަމުރުކުރީ، ވެރިރަށުގައި ކޮވިޑް-19 ބަލި އަލުން ފެތުރޭން ފެށުމާ ގުޅިގެންނެވެ.

ބެއިޖިންގަކީ 21 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.

ބެއިޖިންގް އެޑިއުކޭޝަން ކޮމިޝަނުން ހުރިހާ ސްކޫލްތަކަށް އަންގާފައިވަނީ، ބުދަ ދުވަހުން ފެށިގެން އޮންލައިންކޮށް ކިޔަވައިދޭން ފެށުމަށެވެ.

އަދި ޔުނިވަސިޓީތަކުގެ ކިޔެވުން ހުއްޓާލުމަށްވެސް އަންގާފައި ވެއެވެ.

ކޮވިޑް-19 ބަލި އެންމެފަހުން ފެތުރޭން ފަށާފައިވަނީ ބެޖިންގްގެ އެއްގަމުމަސް ވިއްކާ ޝިންފަޑީ މާރުކޭޓުންނެވެ. މިއީ، މުޅި ދުނިގައިވެސް ހުންނަ މިފަދަ މާރުކޭޓުތަކުގެ ތެރެއިން އެންމެބޮޑު އެއް މާރުކޭޓުކަމަށް ވެއެވެ.

މި މާރުކޭޓު ހިމެނޭ ފެންގްޓައި ސަރަހައްދުތަކުގެ 11 ޑިސްޓްރިކްޓަކުން ޕޮޒިޓިވް ކޭސްތައް ފެނިފައިވާއިރު، އިތުރު ސަރަހައްދުތަކުން ވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ ކަމަށް ޗައިނާގެ މީޑިއާއިން ބުނެއެވެ.

އެކަމާހެދި ސްކޫލްތައް ބަންދުކޮށް، އިޖުތިމާއީ ގައިދުރުކަން ގާއިމްކޮށް، ޗެކްޕޮއިންޓް ޖަހައި، ފިޔަވަޅުތައްވަނީ ވަރުގަދަ ކޮށްފައެވެ.

ބެއިންޖިންގްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ، މުޅި ސިޓީ އިންސްޕެކްޓްކޮށް ސެނިޓައިޒް ކުރުމަށް ތައްޔާރުވަމުންނެވެ.

އިންސްޕެކްޓްކުރުމާއި ސެނިޓައިޒްކުރުން އަމާޒުކޮށްފައިވަނީ، ބެއިޖިންގް ސިޓީގައި ހިންގާ ހޯލްސޭލް މާރުކޭޓްތަކާއި، މޭވާއާއި ތަރުކާރީ ވިއްކާ މާރުކޭޓުތަކާއި، ކެފޭ ރެސްޓޯރަންޓްތަކާއި ކެންޓީނުތައް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ހަމަ އެއާއެކު، އެތަންތަނުގައި މަސައްކަތްކުރާ އެންމެން ޓެސްޓް ހަދަންޖެހޭގޮތަށްވެސް ވަނީ ނިންމާފައެވެ.

ބެއިޖިންގްގެ ޝިންފަޑީ މާރުކޭޓާ ގުޅުންހުރި 27 ޕޮޒިޓިވް ކޭސް އިއްޔެވެސް ފެނިފައިވެއެވެ. އަދި ކޮންޓެކްޓް ޓްރެސިންގެ ތެރެއިން ފެނުނު ޕޮޒިޓިވް ކޭސްތަކާއެކު ޖުމްލަ އަދަދު މިހާރުވަނީ 106 އަށް އަރާފައެވެ.

ބެއިޖިންގް ފިޔަވައި، ޗައިނާގެ އެހެން ސިޓީތަކުންވެސް ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާއެކު ކަރަންޓީނު ކުރުމާއި، ރައްކާތެރި ފިޔަވަޅުތައް ވަނީ އަޅަން ފަށާފައެވެ.

އެގޮތުން، ޝަންހާއީއަށް ބޭރުން އަންނަ މީހުން 14 ދުވަހަށް ކަރަންޓީނަށް ދާންޖެހޭ ގޮތަށް އެ ސިޓީން ވަނީ ނިންމާފައެވެ.

ޝަންހާއީ ހެލްތު ކޮމިޝަންގެ ޑިރެކްޓަރ ވޫ ޖިންގްލެއި ވިދާޅުވީ، ބަލީގެ ރިސްކުއޮތް ހިސާބުތަކުން އަންނަ ހުރިހާ އެންމެން ކަރަންޓީނަށް ދާންޖެހޭނެ ކަމަށާއި، އެމީހުން ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހުގައި ކަމަށެވެ.