ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މަޖިލީސް އިދާރާ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

މަބްރޫކް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ޕޮޒިިޓިވްވެފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންއާއި ޑީކޮންޓެމިނޭޝަންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ދެ ކަންތައް ނިމުމާއެކު އަނެއްކާވެސް މަޖިލީސް އިދާރާ ހުޅުވާލެވޭނެ ކަމަށެވެ.

އެނގިފައިވާގޮތުގައި ޕޮޒިޓިވްވެފައިވަނީ މަޖިލީހުގެ އިދާރާގެ މެއިންޓެނެންސް މަސައްކަތް ކުރާ ފިރިހެން މުވައްޒަފެކެވެ. އެ މުވައްޒަފު އެންމެ ފަހުން އޮފީހަށް މަސައްކަތަށް ނުކުތީ ހޯމަ ދުވަހު ކަމަށް ވެއެވެ.

މަޖިލީސް އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ އިދާރާ މޮނިޓަރިންގެ ހާލަތަށް ގެނެވުމުން ހުރިހާ މުވައްޒަފުން ވަގުތުން ގެއަށް ފޮނުވާލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި މާދަމައިން ފެށިގެން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވި މާލެ ފުރަބަންދުކުރުމުން މަޖިލީހުގެ ޖަލްސާތައް ވެސް މީގެ ކުރިން ކުރިއަށް ގެންދިޔައީ މެންބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށެވެ. ނަމަވެސް ފުރަބަންދަށް ގެނެވުނު ލުއިތަކާއެކު މިހާރު މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ވެސް ހިނގަނީ ޚާއްސަ އުސޫލެއްގެ ދަށުން މަޖިލީހުގެ އިދާރާގައެވެ.