ރައްޔިތުން ބާރުވެރިކުރުމަށް މަސައްކަތް ކުރާ ސިޔާސީ ހަރަކާތެއް ކަމަށްވާ "ނަވާނަވައި" އިން ރައްޔިތުންގެ މަޖިލީސް ހޭލައްވާލުމަށް ކަމަށްބުނެ މުޒާހަރާއަކަށް ތައްޔާރުވާން ފަށައިފިއެވެ.

ނަވާނަވައި އިން ބުނީ ރައްޔިތުންގެ މަޖިލީސް އިދާރާ ކައިރީ މުޒާހަރާ ކުރުމަށް ތައްޔާރުވަމުންދަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ.

އެ ހަރަކާތުން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އާއިލާތައް މަގުމަތިވެ ދެމަސް ވީއިރު އާމްދަނީ ނެތި ހާލުގައި ތިބި މަސައްކަތްތެރިންނަށް އެހީތެރިކަމެއް ނުދީ ތިބޭ ބަޔަކު ޖަވާބުދާރީ ކުރުވާނީ އާންމު ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން ރައްޔިތުން އެންމެ ހާލުގައިޖެހުނު ދުވަހު އެއްވެސް މަސައްކަތެއް ނުކޮށް ސިޔާސީ ސަކަރާތް ޖެހުމުގައި ރެއާއި ދުވާލު އުޅޭތަން ބަލަން ނުތިބެވޭނެ ކަމަށެވެ.

މަޖިލީސް ހޭލައްވާލުމަށް ކަމަށްބުނެ އިންތިޒާމުކުރާ މި މުޒާހަރާއަށް ދީފައިވާ ނަމަކީ "މަޖިލީސް ހޭލައްވާ މުޒާހަރާ" އެވެ. މުޒާހަރާގެ އޮގަނައިޒަރުންގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ވަނީ ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހަރަކާތުން މީގެ ކުރިން ވެސް މިފަދަ މުޒާހަރާތައް ކޮށްފައި ވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކޯލިޝަން ޕާޓީތަކަށް ގޮނޑިތައް ބެހުމުގެ ވާހަކަ ދެކެވެމުންދިޔަ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ހުރިހާ ލީޑަރުންގެ ކުރިމަތީގައި ވަނީ އިހުތިޖާޖު ކޮށްފައެވެ. ހޮޓެލް ޖެންގައި އޮތް ބައްދަލުވުމެއް ނިންމަވާލެއްވުމަށްފަހު އެބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގެންދެވި ވަގުތާ ދިމާކޮށް އެފަހަރު އިހުތިޖާޖުކުރީ މަހުޖަނުންނާއި ސިޔާސީ ވަކި ބައެއްގެ އަތްދަށުން ރައްޔިތުންގެ މަޖިލީސް މިނިވަން ކުރުމަށެވެ.

ނަވާނަވައި އަކީ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ސިޔާސީ ހަރަކާތެކެވެ. މަސައްކަތްތެރިންގެ ހައްގުތައް ގެއްލިފައިވާތީ މަޖިލީސް ކައިރީ އިހުތިޖާޖު ކުރުމަށް ތައްޔާރުވަމުންދާއިރު، ކޮވިޑް-19 އާ ގުޅިގެން ވަރަށް ގިނަ ބަޔަކަށް ވަނީ މާލީގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލި އަނެއް ބައެއްގެ މުސާރައަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.