ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށި އިރުވެސް މުވައްޒަފަކަށް ކޮވިޑް-19 ޖެހުންފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި، ދުރާލާ ފިޔަވަޅުތައް އެޅި ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މަޖިލިސް މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތްއިރު، މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވި ނަމަވެސް، އަމާޒަކީ އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަޖިލިސްކުރާ ގޭގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށެވެ.

މުވައްޒަފު ޕޮޒިޓިވްވުމާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށި އިރުވެސް މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި، ދުރާލާ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، ރޯގާއާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަޖިލީހުގެ އިދާރާގައި މަޖިލީހުގެ މަސައްކަތްތައް ފެށޭނެ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްފަހު، މަޖިލީހުގެ އިދާރާގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވާ ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މަޖިލީހުގެ ޖަލްސާތައްވެސް އަދި ކޮމިޓީތައްވެސް ބާއްވަމުންދިޔައީ މަޖިލީސް އިދާރާގައެވެ.