ކޮވިޑް-19 ބަލީގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 2،000 މީހުން މަރުވެއްޖެއެވެ.

މިއީ، މި ބަލި އިންޑިއާގައި ފެތުރޭން ފެށިފަހުން އެއް ދުވަހެއްގައި މިހާ ގިނަ އަދަދެއް މީހުން މަރުވި ފުރަތަމަ ފަހަރުކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއާއެކު، މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11،903 އަށް އަރާފައެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 354،000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެކަށީގެންވާ ވަރަށް މީހުން ޓެސްޓްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ނުދާތީ ބޮޑެތި ކަންބޮޑުވުންތައް އިންޑިއާގައި އުފެދިފައި ވެއެވެ.

މިކަމާހެދި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދުވަނީ، ކޮވިޑް-19 ބަލި އެންމެބޮޑަށް ފެތުރެމުންދާ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނާ ވާރޗުއަލް ކޮންފަރެންސެއްގައި ބައްދަލު ކުރައްވައި، ކުރިއަށް އެޅުއްވެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ކޮންފަރެންސްގައި އިންޑިއާގެ މައި ސަރުކާރުގެ ހޯމް މިނިސްޓަރ އަމިތު ޝާހާއި، ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންހުވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.

އިންޑިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދިޔަ ނަމަވެސް، ކޮންފަރެންސްގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، ބަލިން ފަސޭހަވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

އަދި އިންޑިއާގައި ބަލީގެ ހާލަތު ކޮންޓްރޯލް ކުރެވޭ މިންވަރަށް ދަށްކުރެވިފައިވަނީ ވަގުތުން ވަގުތަށް ކޮންޓެކްޓް ޓްރޭސިންގއާއި، ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދެވުމުގެ ސަބަބުން ކަމަށެވެ.

މޯދީ ވިދާޅުވީ، އިންޑިއާގައި މިބަލި ފެތުރުން ހުއްޓުމަކަށް ގެނެވޭނީ މައި ސަރުކާރާއި ސްޓޭޓްތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

ހަމަ އެއާއެކު، ޓެސްޓްކުރުން އިތުރުކުރުމަށް ސްޓޭޓް ސަރުކާރުތަކަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކުގެ ބޭނުން ހިފުމަށްވެސް ބޮޑުވަޒީރު މޯދީވަނީ ޗީފް މިނިސްޓަރުންގެ ކިބައިން އެދިވަޑައި ގެންފައެވެ.

އަދި ސިއްހީ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރެއްވުމަށްވެސް ޗީފް މިނިސްޓަރުންގެ ކިބައިން މޯދީ އެދިވަޑައި ގެންނެވިއެވެ.

މޯދީ ވިދާޅުވީ، ބޮޑެތި އާބާދީތަކާއި، އިޖުތިމާއީ ގައިދުރުކަން ގާއިމް ނުކުރެވުމާއި، ގިނަމީހުން އެއްތަންވާންޖެހުމާއި، ބައެއް ސިޓީތަކުގައި މީހުން ދިރިއުޅޭ ގެތައް ކުދިވުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ކަމަށެވެ.