ދިވެހިރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއެއްގެ އިސް ބޭފުޅުންނާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން އެޖެންސީތަކާއެކު މަޝްވަރާކުރައްވައި، މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ތަނބުތައްކަމަށްވާ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީ އަދި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުންވެސް އެޖެންސީތަކާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ކުރިއަށް އެޅުމަށް ރާވަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ޝާހިދު ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި ހަމައެއާއެކު، ނޭޝަނަލް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައި، މިހާރުވެސް އދގެ ބައެއް އެޖެންސީތަކުން ޓާސްކް ފޯސްގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހެސްވަލް ވަނީ ސަރުކާރަށް އދގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައި ކަމަށެވެ.

މި ބައްދަލުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ އެޖެންސީތަކުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ އެޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރ ޝާހިދަށް އަރުވައި، ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުންވެސް މައުލޫމާތު އަރުވާފައެވެ. ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އދގެ އެޖެންސީތަކުން ވަނީ ތައުރީފްކޮށްފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19 ފެތުރެން ފެށީއްސުރެ އދގެ އެކި އެޖެންސީތަކުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 އާ ކުރިމަތިލުމުގައި އދގެ އެހީތެރިކަން ލިބުނު ފަދައިން، ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި އދގެ އެހީތެރިކަން ރާއްޖެއަށް އިންތިހާއަށް ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެ މިނިވަންވިއިރު ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި އޮތްނަމަވެސް، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި އދގެ ފަރާތުން ލިބުނު އެހީތެރިކަން މިނިސްޓަރ ޝާޙިދު ވަނީ ފާހަގަކުރައްވާފައެވެ.

އދގެ އެޖެންސީތަކުގެ އިސްބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާފައިވާއިރު، އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރ ވަނީ ކޮވިޑް-19 އާ ގުޅިގެން ތަފާތުކުރުމެއް ނެތި އެންމެންނަށް އެއް ހަމައެއްގައި ފަރުވާގެ ކަންތައްތައް ކުރިއަށްދާ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރައްވާފައެވެ.