ކޮވިޑް-19 އާ ގުޅިގެން އައި ހީނަރުކަމުގައި އެއް ބިލިއަން ޑޮލަރުގެ އުނިކަން ދައުލަތުގެ ބަޖެޓަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުންނާއި އިޖުތިމާއީގޮތުން ހުރި މައްސަލަތަކުން އަރައިގަތުމަށްޓަކައި އުފެއްދި ގައުމީ ޓާސްކުފޯސް، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޓާސްކްފޯސް އުފެއްދެވުމުގެ މަގުސަދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު މި ބައްޔާ ކުރިމަތިލުމަށް ވަސީލަތުގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މިހާރު ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ބައްޔާ ގުޅިގެން އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތައް ދައުލަތުގެ އިތުރަށް އަމިއްލަ ފަރާތްތަކަށްވެސް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން 1 ބިލިޔަން ޑޮލަރުގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށްވެސް އަންނާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިކަންކަމުން އަރައިގަތުމަށް ބަޖެޓުގެ ޚަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

ޓާސްކްފޯހުގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރުތައްވެސް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޓާސްކުފޯހުގައި ހިމެނޭ 3 ވާރކިންގ ގްރޫޕުން ހިއްސާކުރި 3 ޕްރެޒެންޓޭޝަނުގެ އިތުރަށް ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ ބެހޭ ގައިޑްލައިންގެ ކަރުދާސް މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ހުށަހެޅުއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ޓާސްކުފޯހުން ކުރަމުންދާ މަސައްކަތްތަކަކީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ބައްދަލުވުން ނިންމަވާލައްވަމުން ޓާސްކުފޯހުގެ ވާރކިންގ ގުރޫޕުތަކުން ހުޅަހެޅި ހުށަހެޅުންތަކާއި އަދި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ގައިޑްލައިނާމެދު ދެން ބާއްވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެކަން އިއުލާނުކުރެއްވިއެވެ.