މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ބައިލައްކަ ރުފިޔާއިން އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) 30،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ވެސް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ލީޑަރުކަން ކުރައްވާ އެމްޑީއޭ 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައި ނުވާތީއެވެ. ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު އިސްވެހުންނަވާ އުފައްދަވާފައިވާ އެމްޓީޑީ 30،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމީ އެޕާޓީން ވެސް ގައުމީ ބައްދަލުވުން ނުބާއްވާތީއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށް ދެޕާޓީއަށް ވެސް ވަނީ އަންގާފައެވެ. އަދި ގައުމީ ބައްދަލުވުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުގެ ކުރިން ބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީއަށް ފިޔަވަޅު އަޅަން ނިންމާފައިވަނީ ތަކުރާރުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވުމުން 2016 އާއި 2019 ގައި ކޮށްފައިވާ ޖޫރިމަނާ ތަކުރާރުކޮށް އެންގުމުން ވެސް ދައްކާފައި ނުވާތީއާއި، 2018 އާއި 2019 ގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ވެސް ހުށަނާޅައި، ގައުމީ ޖަލްސާ ވެސް ނުބާއްވައި، އަދި މިކަންކަން އިސްލާހުކުރަން އެންގުމުން އެގޮތަށް ވެސް އަމަލުކޮށްފައި ނުވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޑީއާރުޕީއަށް އެކި ފަހަރުމަތިން ނަސޭހަތްދީ، އިންޒާރުދީ އަދި ފިޔަވަޅު ވެސް އަޅާފައިވާ ކަމަށެވެ. އެހެންކަމުން ދެން އިތުރަށް އަޅާނެ އެންމެ ފަހުގެ ފިޔަވަޅުތަކާ ބެހޭގޮތުން އެ ޕާޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.