• ހޯމަދުވަހުގެ ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރު، 56 މީހުން ޒަޚަމްވި
  • ޗައިނާ ސިފައިންގެ މީހަކަށް ކަމެއްވީކަމެއް ޗައިނާއިން ހާމައެއް ނުކުރޭ
  • މަސްރަހް ފިނިކުރަން ދެފަރާތުން ދަނީ ވާހަކަ ދައްކަމުން
  • ޗައިނާއާ ދެކޮޅަށް އިންޑިއާގައި ވަރުގަދަ މުޒާހަރާތަކެއް

އިންޑިއާއާއި ޗައިނާ ވަކިކުރާ ސަރަހައްދީ އިމުގައި ހޯމަދުވަހު ހިނގި ވަރުގަދަ ކުރިމަތިލުންތަކަށްފަހު ދެގައުމުގެ ގުޅުން އިހުނަށްވުރެ ގޯސްވެ، މަސްރަހް އިތުރަށް ހޫނުވަމުން އެބަދެއެވެ.

އިންޑިއައިން ބުރާސްފަތިދުވަހުވަނީ، މަސްރަހް އިތުރަށް ގޯސްކުރަން މަސައްކަތް ނުކުރުމަށާއި، އެކަމާގުޅޭގޮތުން ޒާތްޒާތުގެ ވާހަކަތައް ނުދެއްކުމަށް ޗައިނާއަށް އިންޒާރުކޮށްފައެވެ.

އިންޑިއާ-ޗައިނާ ވަކިކުރާ އިމުގެ ގަލްވާން ވާދީ ސަރަހައްދުގައި ހޯމަދުވަހު ހިނގި ވަރުގަދަ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވެ، އިތުރު 56 މީހުން ޒަޚަމްވެފައި ވެއެވެ.

މި ކުރިމަތިލުމުގައި ޗައިނާ ސިފައިންގެ މީހުންނަށް ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް ޗައިނާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގީ ހަތިޔާރު ބޭނުންކޮށްގެނެއް ނޫނެވެ. އެކަން ހިނގީ ދެފަރާތުގެ ދެމެދުގައި ހިނގި ވަރުގަދަ ތަޅާފޮޅުންތަކެއްގެ ތެރެއިންނެވެ.

މިކަމުގެ ޒިންމާ ޗައިނާއިން އިންޑިއާ ބޮލުގައި އަޅުވާފައި ވާއިރު، އިންޑިއާއިން ބުނެފައިވަނީ މައްސަލަ ގޯސްވީ ޗައިނާގެ ސަބަބުން ކަމަށެވެ. ޗައިނާއިން ބުނީ، ހަމަޖެހުންތައް ފެށީ އިންޑިއާ ސިފައިން ކަމަށެވެ.

މިއީ، ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި، ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިންނާ ދެމެދު ހިނގި މިފަދަ އެންމެ ވަރުގަދަ ކުރިމަތިލުމެވެ.

މިހާދިސާއާ ގުޅިގެން ޗައިނާއާއި އިންޑިއާގެ ވެރިން މައްސަލަ ޒިންމާދާރުކަމާއެކު ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޗައިނާގެ ޚާރިޖީ ވަޒީރުވަނީ އިންޑިއާގެ ޚާރިޖީ ވަޒީރާ ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައެވެ.

ކުރިމަތިލުންތަކަށްފަހު ޗައިނާއިން އިންޑިއާ ސިފައިންގެ ބައެއް އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށް ނުވަތަ އިންޑިއާ ސިފައިންގެ ބައެއް އޮފިސަރުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގެ ރުޕޯޓްތައް ފެތުރިފައިވާއިރު، އިންޑިއާ އަސްކަރިއްޔާއިންވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. އިންޑިއާ އަސްކަރިއްޔާއިން ބުނެފައިވަނީ ސިފައިންގެ އެއްވެސް މީހަކު ގެއްލިފައި ނުވާ ކަމަށެވެ.

އިންޑިއާއާއި ޗައިނާއާ ދެމެދު ކުރިމަތިލުންތައް ހިނގި ސަރަހައްދަކީ އެ ސަރަހައްދުގެ މިލްކުވެރިކަމާމެދު ދެ ފަރާތުންވެސް ދައުވާކުރާ ލަދާކް ސަރަހައްދެވެ.

އެ ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވުމާއި، އެތައްބަޔަކު ޒަޚަމްވުމާ ގުޅިގެން އިންޑިއާގެ ބައެއް ހިސާބުތަކުގައި ޗައިނާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއްވެސް ދަނީކުރަމުންނެވެ.

އިންޑިއާގެ އުތުރުގެ ކާންޕޫރުގެ މަގުތަކުގައި ޗައިނާއާ ދެކޮޅަށް އަޑުއުފުލައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފޮޓޯފުޅުތައް މަގުތަކުގައި އަންދައި، ޗައިނާ ރައީސްގެ ޖަނާޒާ ރަމްޒުކޮށްދޭ ހަރަކާތްތައް ބާއްވާފައި ވާއިރު، ކަޓަކް ސިޓީގައިވަނީ ޗައިނާގެ ރައީސްގެ ސިފައަށް ބުދު ހަދައި އަންދާފައެވެ.

ގަލްވާން ވާދީގައި ހޯމަދުވަހު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ޗައިނާއިން އިންޑިއާއަށް އެތެރެކުރާ ތިރީހަށްވުރެ ގިނަ ވިޔަފާރި މުދަލުން ޓެކްސް ބޮޑުކުރުމާއި، ޗައިނާގެ ވިޔަފާރިމުދާ ބޮއިކޮޓްކުރުމުގެ މަސައްކަތްތަކެއްވެސް ފެށިފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

އަދި އިންޑިއާ ސަރުކާރަށް ނިސްބަތްވާ ޓެލެކޮމިއުނިކޭޝަން ދެ ކުންފުންޏަކުން 4ޖީ ނެޓްވޯރކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ކުންފުނިތަކުގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރުމަށް އިންޑިއާ ސަރުކާރުން މިހާރު އަންގަފާއިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.