ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަސް ނިމުމުގެ ކުރިން ހިއްސާގެ މުއާމަލާތް ކުރާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ނެރެފައިވާ އިއުލާނެއްގައި ވަނީ 2019 ވަނަ އަހަރުގެ ޑިވިޑެންޑް (ހިއްސާގެ ފައިދާ) ލިބޭނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހިއްސާގެ މުއާމަލާތް ކުރާ ފަރާތްތަކަށް ކަމަށެވެ. އަދި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ ވެސް އެ ތާރީޚުގެ ކުރިން ހިއްސާގެ މުއާމަލާތް ކުރާ ފަރާތްތަކަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މިދިޔަ މަހު ނެރުނު އެސްޓީއޯގެ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާގޮތުން މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު 32 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ވަނީ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެއީ 2019 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު 141 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

2019 ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 358 މިލިއަން ރުފިޔާއެވެ. ޓެކްސްއަށް ނުކަނޑާ ލިބުނު ފައިދާގެ މިންވަރަކީ 422 މިލިއަން ރުފިޔާގައެވެ. އެއީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 68 ޕަސެންޓު އިތުރު އަދަދެކެވެ.

2018 ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާއަށް 224 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިދިޔަ އަހަރުގެ މެއި މަހު ބޭއްވި އެސްޓީއޯގެ 2018 ވަނަ އަހަރުގެ އަހަރީ ޖަލްސާއިން ފާސްކޮށްގެން، ކުންފުނީގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ވަނީ ބަހާފައެވެ.

އެސްޓީއޯ އިން 2019 ވަނަ އަހަރަށް ރެކޯޑް ނަގާ ތާރީޚު އިއުލާންކޮށްފައިވީނަމަވެސް މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.