އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުން މައުލޫމާތު ހޯދާ ލިބިގަތުމަށް ހުރަސްއެޅޭ ކަމަށްބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސްކުރަމުންދާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލާ ގުޅޭގޮތުން އެ ޖަމްއިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއީ ޖުމުލަގޮތެއްގައި ވަރަށް ރަގަޅަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ. ނަމަވެސް ބިލުގެ 41 ވަނަ މާއްދާގައިވާގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކުރާ ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިން ބުނީ އެ މާއްދާގެ ނަތީޖާއަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުން ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ޖެހުން އާންމު ސިއްހަތުގެ ނުރައްކާ އިއުލާންކުރެވިފައިވާ މުއްދަތުގައާއި، އެ ހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚާ ހަމައަށް މެދުކެނޑުން ކަމަށެވެ. މިހެންވުމުން މިހާރު އޮތްގޮތަށް ބިލު ފާސްކޮށްފިނަމަ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެ މުއްދަތުގައި ހުއްޓި، ރައްޔިތުންގެ މި ހައްގަށް ވަރަށް ބޮޑެތި އަސަރުކުރާނެ ކަމަށެވެ.

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ވަކި ގާނޫނެއްގައި ވަކި ކަމެއް ކުރުމަށް މުއްދަތެއް ނުވަތަ ތާރީޚެއް ކަނޑައެޅިފައިވާ ހާލަތުގައި، އަދި އެ ގާނޫނެއްގައި ބަޔާންކުރާ މުއްދަތު ނުވަތަ ތާރީޚު ދިމާވަނީ މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ކަމުގައިވާނަމަ، އެކަން ކުރުމަށް އެ ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ ތާރީޚަށް އަމަލުކުރަން، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑުނީއެވެ
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގެ 41 ވަނަ މާއްދާގެ (ހ)

އެ ޖަމްއިއްޔާއިން ބުނީ ދައުލަތުގެ މުވައްޒަފުން ކުޑަ ވަގުތުކޮޅެއްގައި ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހުނު ނަމަވެސް، އާންމުންނަށް މައުލޫމާތު ފޯރުކޮށްނުދެވޭނެ ހާލަތަކަށް ދިޔައީ ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި މިހާރުގެ ހާލަތުގައި ވެސް އާންމުންނަށް މައުލޫމާތު ފޯރުކޮށްދެވެން ވާނެ ކަމަށެވެ. މީގެ އިތުރަށް ކޮވިޑް-19 އާ ސީދާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދާ ނުވަތަ ޒަރޫރީ ޚިދުމަތްތައް ދެމުންދާ ދައުލަތުގެ އިދާރާތައް މިވަގުތުވެސް އޮންނާނީ އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވޭ ހާލަތެއްގައި ކަމަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ 21 ދުވަހުގެ ތެރޭގައި ދައުލަތުގެ މުވައްޒަފަކަށް އެ މައުލޫމާތު ދޭން ދަތިވެއްޖެނަމަ، މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އެ ގާނޫނުގެ ދަށުން އިތުރު 14 ދުވަސް އެފަރާތަކަށް ނެގުމުގެ ފުރުސަތުވެސް ލިއްބައިދީފައި ވެއެވެ. އެހެންކަމުން ވަކި މުއްދަތެއްގައި ކުރުން ލާޒިމުކުރާ ހުރިހާ ކަމެއް ހިމެނޭހެން އެކަންކަން ފަސްކުރަން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގައި އޮތުން މުހިންމު ކަމަށް ނުފެންނަ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ވެއެވެ.

އެ ޖަމްއިއްޔާއިން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ސިޔާސަތަކީ ބަލިމަޑުކަމާ ގުޅިގެން ދައުލަތުން އެކުލަވާލާ ސިޔާސަތުތަކުގެ މަސައްކަތްތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ، ދައުލަތަށް ކުރާ އިތުބާރު ބޮޑުވެ، ސައްހަ މައުލޫމާތު ހާމަކުރުމަށާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ އިތުރަށް ދައުލަތުގެ މަސައްކަތްތައް މޮނިޓަރ ކުރުމަށް ކޮންމެހެނެ ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންކަމުން ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހާމަކަން ދަށްވާނަމަ، މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ. ވުމާއެކު، މިފަދަ ކުއްލި ހާލަތެއްގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަމުގެ ބޭނުންތެރިކަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފައެވެ.