ކޮވިޑް-19 ބަލީގެ ވައިރަސް ދުނިޔޭގައި އަދިވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން އިންޒާރު ކޮށްފިއެވެ.

ޖެނީވާގައި މިއަދު ބޭއްވި ވާރޗުއަލް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ދުނިޔެ މިހާރުވަނީ މި ބަލިމަޑުކަމުގެ މުޅިން އައު އަދި ނުރައްކާތެރި ފިޔަވައްސަކަށް ގޮސްފައި ކަމަށެވެ.

އިއްޔެ އެކަނިވެސް ދުނިޔެއިން ރެކޯޑު އަދަދެއްގެ މީހުންނަށް ކޮވިޑް-19 ބަލި ޖެހުނުކަން ޑރ. ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

އިއްޔެ އެކަނިވެސް މުޅި ދުނިޔެއިން 150،000 އަށްވުރެ ގިނަމީހުންނަށް ބަލިޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. މިއީ، އެއްދުވަހެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އެމެރިކާ ސަރަހައްދުގެ ގައުމުތަކުން ރިޕޯޓްކޮށްފައިވާ އަދަދުކަން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ފާހަގަ ކުރެއްވިއެވެ.

ދެން އެންމެގިނައިން އިއްޔެ މީހުން ޕޮޒިޓިވްވެފައިވަނީ ދެކުނު އޭޝިޔާއިންނާއި މެދުއިރުމަތީގެ ގައުމުތަކުންނެވެ.

ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި ގޭގައި ބަންދުވެފައި ތިބެން މީހުން ފޫހިވެފައިވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި، ހަމަ އެއާއެކު އިގްތިސާދުތައް ހުޅުވާލައި މުޖުތަމައުތައް ހުޅުވާލަން ދުނިޔޭގެ ގައުމުތައްވެސް ތިބީ ކެތްމަދުވެފައި ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

އެހެން ނަމަވެސް، ވައިރަސްގެ ނުރައްކާ ކުޑަވެގެން ނުދާކަމަށް ވިދާޅުވިއެވެ.

"ދުނިޔެ މިވަނީ އައު އަދި ނުރައްކާތެރި ފިޔަވައްސެއްގައި. މި ވައިރަސް އަދިވެސް ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުން. މީގެ ނުރައްކާތެރިކަން އަދިވެސް ވަރަށްބޮޑު. ގިނަ ބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު އަދިވެސް އެބައޮތް"
ޑރ. ޓެޑްރޯސް އަދަނޮމް

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްވަނީ، ވައިރަހާމެދު ވަރަށް ބޮޑަށް ފަރުވާތެރިވުމަށް އާންމު ރައްޔިތުންނަށާއި، ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

ހަމައެއާއެކު، ޖިސްމާނީ ގައިދުރުކަން ގައިމްކުރުމަށާއި، އެއްވެސް ބައްޔެއް ހުރި މީހެއްނަމަ ގޭގައި މަޑުކުރުމަށާއި، ކެއްސާއިރު ނޭފަތާއި އަނގަ ނިވާކުރުމަށާއި، މާސްކް އަޅައިގެން އުޅޭފަދަ ހާލަތެއްގައި މާސްކް އެޅުމަށާއި، އަތްދޮވުމަށް ސަމާލުކަން ދިނުމަށްވެސް ޑރ. ޓެޑްރޯސް އަދަނޮމް އިލްތިމާސް ކުރައްވާފައި ވެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ކިބައިން ޑރ. ޓެޑްރޯސް އަދަނޮމް އެދިވަޑައިގެންފައިވަނީ، ކޮވިޑް-19 ބަލިމީހުން ހޯދައި، އައިސޮލޭޓްކޮށް ޓެސްޓްކުރުމާއި، ޕޮޒިޓިވްވާ އެންމެނަށް އަޅާލައި އެހީތެރިވުމަށެވެ.

އަދި ހަމައެއާއެކު، ކޮންޓެކްޓް ޓްރޭސިންގެ ހެދުމާއި ކަރަންޓީނުކުރުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށްވެސް އެދިވަޑައިގެންފައި ވެއެވެ.