އައު އާންމު ހާލަތުގައި ލޯކަލް މާރުކޭޓު ހުޅުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ފަށައިފިއެވެ.

އައު އާންމު ހާލަތުގައި މާރުކޭޓުތައް ހުޅުވާއިރު ވާންޖެހޭ ތައްޔާރީތައް ވުމުގައި ބަލަންޖެހޭ ކަންކަން ބެލުމަށް ސިޓީ ކައުންސިލުން ވަނީ ޓީމެއް އެކުލަވާލައި، ތައްޔާރީތައް ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުވެސް ހިމެނިވަޑައިގަންނަވާހެން އެކުލަވާލާފައިވާ މި ޓީމުން ވަނީ މާލޭގެ ލޯކަލް މާރުކޭޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް މާލޭގެ ލޯކަލް މާރުކޭޓު އިންސްޕެކްޓްކޮށްފައެވެ.

ފުރަބަންދު އުވާލައި އައު އާންމު ހާލަތުގެ ދެވަނަ މަރުހަލާގައި މާރުކޭޓުތައް ހުޅުވުމަށް ހުއްދަ ދިނުމަށް ނިންމާފައިވާއިރު، މާރުކޭޓުތައް އަލުން ހުޅުވާއިރު ޚިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލު މާލެ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.

ނިއު ނޯމަލްގައި މާރުކޭޓުތައް ހުޅުވާއިރު ޚިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުގައި ތަނުގެ ސާފުތާހިރުކަމާއި، ޚިދުމަތް ދިނުމުގައާއި، ހިދުމަތްދޭން ތިބޭ މީހުންގެ ކިބައިގައި ސާފުތަހިރުކަން ބެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ. އަދި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިސްކަން ދިނުމަށާއި، ގޮޅިތަކުގައި މަސައްކަތްކުރާ މީހުންގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ މަސައްކަތަށް ނުނިކުތުމަށްވެސް ސިޓީ ކައުންސިލުން އެކުލަވާލާފައިވާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މާރުކޭޓުގައި ވިއްކަން ހުންނަ ތަކެތި ބިންމަތީގައި ނުބެހެއްޓުމަށާއި، ވިއްކަން ހުންނަ ތަކެތި ސާފުކޮށްފައި ބެހެއްޓުމާއި، ތަކެތީގެ އަގު އެނގޭނެގޮތަކަށް ބެހެއްޓުމާއިި، ތަކެތި ވިއްކަން ތިބޭ މީހުން އަދި ވިޔަފާރިކުރަން އަންނަ މީހުންވެސް ވިއްކަން ހުންނަ ތަކެތީގައި އަތް ނުލުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

އަންނަ މަހު މާރުކޭޓުތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، މާރުކޭޓަށް ގޮސް ހިދުމަތް ލިބިގަންނަ މީހުންނާއި މާރުކޭޓުގައި ހިދުމަތް ދޭންތިބޭ މީހުން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.