ގދ.ގައި ތަރައްގީ ކޮށްފައިވާ މާވަރުލު އެއާޕޯޓަށް ޖުލައި މަހު ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

2011 ވަނަ އަހަރު މަސައްކަތް ފެށި މާވަރުލު އެއާޕޯޓު ހިންގަނީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވާގޮތުގައި މި އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޖުލައި މަހުގެ ފުރަތަމަ ދުވަހު ދަތުރުތައް ފަށާނީ މޯލްޑިވިއަންގެ ފްލައިޓްތަކާއެކު ކަމަށާއި އެހެން އެއާލައިންތަކުން ވެސް އެ އެއާޕޯޓަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެއެވެ. ދަތުރުތަކުގެ އަގާއި ޝެޑިއުލް ވަރަށް އަވަހަށް އާންމުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިއަހަރުތެރޭ ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކުރި ފަސް އެއާޕޯޓުގެ ތެރޭގައި މާވަރުލު އެއާޕޯޓު ހިމެނެއެވެ. މިއަހަރުގެ ޑިސެމްބަރު މަހުގެ ކުރިން އޮޕަރޭޝަންތައް ފަށާނެ ކަމަށް ބުނެފައި ވެއެވެ.

މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މާރޗު މަހުގެ 11 ވަނަ ދުވަހުއެވެ. ކުރިން ހަމަޖައްސާފައި އޮތީ ޝެޑިއުލް ފްލައިޓްތައް މާރޗު މަހުގެ 20 ވަނަ ދުވަހު ފަށާގޮތަށެވެ. ނަމަވެސް ދަތުރުތައް ފެށުން ފަސްކުރީ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ސަރުކާރުން ނިންމާފައިވާތީއެވެ.

ޖުލައި މަހު މާވަރުލު އެއާޕޯޓަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު އެހެން ބައެއް އެއާޕޯޓުތަކުގެ ދަތުރުތައް ވެސް ފެށުމަށް ވަނީ ނިންމާފައެވެ. ކޮވިޑް ފެތުރޭތީ ބޭރުގެ އުދުހުންތައް އެއްކޮށް ހުއްޓާލައި އެތެރޭގައި ވެސް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކޮށް މަޑުޖައްސާލުމަށްފަހު ފުރަބަންދަށް ދެވުނު ލުއިތަކާއެކު މިހާރު ދަނީ ގައުމު ހުޅުވާލުމަށް ތައްޔާރުވަމުންނެވެ.