އިޤުތިޞާދީ ގޮތުން ދިވެހި ރާއްޖެ އަނދަވަޅަކަށް ވެއްޓިފައިވަނިކޮށް ދިވެހި ރާއްޖެއަށް އަވަސް ކުރިއެރުމެއްލިބޭފަދަ އުއްމީދެއް ޖަރުމަނުވިލާތުން ދީފިއެވެ. އެގޮތުން ޖަރުމަނު ވިލާތުން ވަނީ ކޮވިޑް 19 އާއި ގުޅިގެން އަޅައިފައިވާ ޞިއްޙީ ރައްކައުތެރިކަމުގެ ފިޔަވަޅުތަކަށް ދެމުންދާ ލުއި ތަކުގައި ޖަރުމަނުގެ ފަތުރުވެރީން ދަތުރުކުރުމަށް ރައްކާތެރި ނޫން މަންޒިލްތަށް އެކަށައަޅައިފައިވާ ލިސްޓުން ދިވެހި ރާއްޖެ އުނިކޮށްފައެވެ.

ޔޫރަޕް ނޫން ޤައުމުތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ޖަރުމަނުން ނެރެފައިވާ އިންޒާރުގައި އޯގަސްޓުމަހުގެ ނިޔަލަށް މުއްދަތު ދިގުކޮށްފައިވީ ނަމަވެސް ޖަރުމަނުން ނެރުނު ކޮވިޑް 19އިގެ ނުރައްކާތެރި ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނިފައި ނުވުމަކީ ޖަރުމަނު ވިލާތުގެ ފަތުރުވެރީންނަށް ދިވެހި ރާއްޖެއަށް ދަތުރުކުރެވިދާނެ ކަމުގެ ފެހި ސިގްނަލެކެވެ.

ޖަރުމަނުގެ މި ލިސްޓުގައި ދެކުނު އޭޝިއާ ސަރަޙައްދުގެ އެހެން ހުރިހާ ޤައުމުތަކެއް ހިމެނިފައިވީނަމަވެސް ދިވެހިރާއްޖެ އެ ލިސްޓުން އުނިކޮށްފައިވަނީ ދިވެހި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި މުޅިދުނިޔެއިންވެސް ޤަބޫލުކުރާ ޤައުމެއް ކަމަށްވާތީ ކަމަށް އިޤުތިޞާދީ ތަޖުރިބާކާރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މޫދު ކޮޓަރި

ދިވެހިރާއްޖޭގެ ރިސޯރޓުތަކުގައި ފަތުވެރީންނަށް މަރުޙަބާކިޔަމުންދަނީ "އެއް ރަށް އެއް ރިޒޯރޓު"ގެ ގޮތުގައެވެ. އެހެންވީމާ އެއްރަށަކުން ފަތުރުވެރީންނަށް ލިބެންޖެހޭ ހުރިހާ ޚިދުމަތެއް ލިބެމުންދިއުމަކީ އެއްރަށުން އަނެއްރަށަށް ދަތުރުނުކޮށް ފަތުރުވެރީންނަށް އެމީހުންގެ ޗުއްޓީ ހޭދަކުރެވޭ ކަމެކެވެ.

އެހެންނަމަވެސް ގެސްޓުހައުސްތަކަށް ފަތުރުވެރީން ގެނައުމުގައި އަދިވެސް ރާއްޖެއިން ސަމާލުކަމެއްދޭން ޖެހެއެވެ. ސަބަބަކީ ގެސްޓު ހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ބިނާކުރެވިފައިވާ ފަތުރުވެރި ތަންތަނަށްވެފައި އެފަދަ ރަށްރަށުގެ އާބާދީގެ ތެރެއަށް ފަތުރުވެރީން ގޮސްއުޅުމުގެ ފުރުޞަތު އޮތުމެވެ.

އެހެން ނަމަވެސް މިކަމުގައި ނުރައްކާތެރިކަން ކުޑަވެގެންދާނީ ރާއްޖެއަށް އަންނަ ފްލައިޓްތައް ފުލުފުލުން ނުޖައްސައި އިޖުތިމާޢީ ގައިދުރުކަން އޮންނަ ފަދައިން ދެފްލައިޓްގެ ދޭތެރޭގައި ވަގުތުގެ ދުރުމިން ބެހެއްޓޭ އިންތިޒާމެއްގެ މައްޗަށް ކަމަށް ބެލެވެއެވެ. އަދި ރާއްޖޭގެ އެއަރޕޯރޓުތަކުގައި ޞިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތައް ހަރުދަނާކުރެވި ކޮންމެ ފަތުރުވެރިއަކު ސްކްރީން ކުރެވޭނެ ގޮތެއްވެސް އޮތުމަކީ މުހިންމު ކަމެކެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ފަތުރުވެރީންނަށް އެންމެ ރައްކާތެރި މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށްވާއިރު ދިވެހި ރާއްޖޭގެ އިޤުތިޞާދުގެ އެންމެ ބޮޑު ޙިއްޞާއެއްވެސް އޮންނަނީ އެދާއިރާގައެވެ. އަދި ބައިނަލްއަޤުވާމީ ފައިސާގެ ނިސްބަތް ރާއްޖޭގެ އިޤުތުޞާދީ ދުވެލީގެތެރޭގައި ހިންގައިދޭ އެންމެ ބޮޑު ދާއިރާއަކީވެސް ފަތުރުވެރިކަމުގެ ދާއިރާއެވެ.

މާރޗްމަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖަރުމަނު ވިލާތުންވެސް ކޮވިޑް-19އިގެ ރައްކާތެރިކަމުގެ ފިޔަވަޅުތައްއެޅުމަށްފަހު ދަތުރުފަތުރާއި ޤައުމުގެ ސަރަޙައްދީ ރޮނގު ހުއްޓުމަކަށް ގެނެސް އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެ މުއްދަތު ވަނީ މިމަހުގެ 15އަށް ދަމައިލައިފައެވެ.

އެއަށްފަހު މިމަހުގެ 17 ވަނަ ދުވަހު ޖަރުމަނުވިލާތުގެ ކެބިނެޓަށްހުށަހެޅުނު މުހިންމު ކަރުދާހުގައި ފަތުރުވެރިކަމަށް ލުއި ދިނުމުގެ މިންގަނޑުތައްވެސް އެކަށައަޅައިފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު ގެއްލުންތަކާއި އަސަރުތައް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ.

ޖަރުމަނު ވިލާތުން ދަތުރުފަތުރުގެ އިންޒާރުގެ މުއްދަތު ދިގުކުރުމާއި ގުޅިގެން އެޤައުމުގެ ވިޔަފާރި ދާއިރާއާއި ގުޅިފައިވާ ޕާލަމެންޓުގެ ފްރީ ޑިމޮކްރެޓިކް ގުރޫޕުގެ ފަތުރުވެރިކަމާބެހޭ ތަރުޖަމާނު މާރސެލް ކްލިންގާ ވަނީ އެއީ ޖަރުމަނުގެ ދަތުރުފަތުރުގެ ދާއިރާއަށްލިބުނު އިޢާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކަމަށް ވިދާޅުވެފައެވެ.

ޖަރުމަނުގެ ޓްރެވެލް އެސޯސިއޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަރުމަނުގެ ރައްޔިތުންގެ ތެރެއިން ކޮންމެ އަހަރަކު ކުރެވޭ 71 މިލިއަން ދަތުރުފަތުރުގެ 70 އިންސައްތައަކީ ޤައުމުން ބޭރަށް އެމީހުންކުރާ ދަތުރެވެ.

ފަތުރުވެރީން

ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފެށުނީއްސުރެ އެންމެ ގިނައިން ފަތުރުވެރީން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ޤައުމަކީ ޖަރުމަނު ވިލާތެވެ. އަދި މިދިޔަ އަހަރު އެ ޤައުމުން 131,56 މީހުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު މިއީ 2018 ވަނަ އަހަރު އެ ޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި 117,532 މީހުންގެ ތެރެއިން 11.9 އިންސައްތަ އިތުުރު އަދަދެކެވެ.

ޖަރުމަނު ވިލާތުން ފަތުރުވެރީންގެ ދަތުރުތަކަށް ރައްކާތެރިނޫން ޤައުމުތަކުގެ ލިސްޓު ނެރުމާއި އެކު ދުނިޔޭގެ ބައެއް ޤައުމުތަކުގެ ލީޑަރުން ގެންދަވަނީ ޖަރުމަނުގެ ފަތުރުވެރީން އެޤައުމުތަކަށް ގެންދެވޭނެ ގޮތްތައް ރޭއްވެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި ޖަރުމަނުގެ ޗާންސެލަރ އަންގެލާ މާރކެލްއަށް ފޯނުކުރައްވައިގެން ޤައުމުތަކުގެ މެދުގައި އޮންނަ ދޭދޭ ގުޅުމުގެ ތެރެއިންވެސް އެ ޤައުމުގެ ފަތުރުވެރީން ގެންދެވޭނެ ގޮތްތަކެއް ހޯއްދަވަމުންނެވެ.

ޖަރުމަނު ވިލާތުގެ 2 ހާސް 3 ސަތޭކަ ޓުއަރ އޮޕަރޭޓަރުންނާއި 11 ހާސް ޓްރެވެލް އެޖެންސީންވެސް އެންމެ ބޮޑު ނަފާއެއް ހޯދަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އަދި ހޫނު މޫސުމަކީ އެންމެ މަންފާ ބޮޑު ދުވަސްވަރެވެ.

ދުނިޔޭގެ ބައެއް ކުދި ޤައުމުތަކުންވެސް މަސައްކަތްކުރަނީ އަހަރުގެ ބާކީ އޮތް ބައިގާވެސް މަދުވެގެން 11 ހާސް ޖަރުމަނު ފަތުރުވެރީން އެޤައުމުތަކަށް ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ.

ދިވެހި ރާއްޖެ ފަތުރުވެރީންނަށްޓަކައި ޖުލައިމަހު ހުޅުވައިލުމަށް މަސައްކަތްކުރަމުންދާއިރު ދިވެހިރާއްޖެއަށް ފަތުރުވެރީން އަންނަ ޔޫރަޕުގެ ބައެއް ޤައުމުތަކުންވެސް ދަތުރުފަތުރުކުރުން ހުއްޓުމަކަށްގެނެސްފައި އޮތުމާއި ސަރަޙައްދު ބަންދުކޮށްފައި އޮތުން ދޫކޮށްލުމަށް ގެންދަނީ ވިސްނަމުންނެވެ. އަދި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރައްޔިތުންގެ މެދުގައި ނެގެމުންދާ ވޯޓުތަކުގައި އެމީހުންގެ އެންމެ މަޤުބޫލު އަދި އެންމެ ރައްކާތެރި އެއްމަންޒިލަކީ ދިވެހިރާއްޖެކަމަށް ދުނިޔޭގެ މީޑިއާ ރިޕޯރޓުތަކުގައިވަނީ ބުނެފައެވެ.

މޫދު ކޮޓަރި