މައްކާގެ މިސްކިތްތައް މާދަމާ އާންމުކޮށް ހުޅުވާލަން ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

މައްކާގެ މިސްކިތްތައް އަލުން ހުޅުވާލަން ސައުދީ ސަރުކާރުން މި ނިންމީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކޮށްފައި ހުންނަތާ ތިންމަސް ފަހުންނެވެ.

ބަލިފެތުރުން ހުއްޓުވަން ސައުދީ އަރަބިއްޔާއިން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. މައްކާގައިވެސް ފިޔަވަޅުތައް ވަރުގަދަކުރިއެވެ.

އެހެންނަމަވެސް، ސައުދީ ސަރުކާރުން ހާމަކުރަމުންދާ އަދަދުތަކަށް ބަލާއިރު، ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

އެހެން ނަމަވެސް، ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ނިންމުމަކާ ހަވާލާދީ ސައުދީ ގައުމީ ޓީވީ، އަލް-އަޚްބާރިއްޔާއިން ބުނެފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން މައްކާގެ މިސްކިތްތައް އާންމުކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މައްކާގެ 1،500 މިސްކިތް މާދަމާ ހުޅުވަން ހަމަޖެހިފައިވާ ކަމަށް އަލް-އަޚްބާރިއްޔާއިން ބުނެފައި ވެއެވެ.

މިސްކިތްތައް މާދަން ހުޅުވާލަން ހަމަޖެހިވާތީ، މިސްކިތްތަކާއި، މިސްކިތްތަކުގެ ކާޕެޓްތައް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތްތަކާއި، ނަދާމަށް އަންނަ މީހުންނަށް މަރްހަބާ ކިއުމަށް މިސްކިތްތަކުން ވަމުންދާ ތައްޔާރީތަކުގެ މަންޒަރުތައްވެސް ޓީވީން ދުރަށް ދައްކާފައި ވެއެވެ.

މައްކާ ފިޔަވައި، ސައުދީ އަރަބިއްޔާގެ އެހެން ހުރިހާ ރަށެއްގެ 90،000 އަށްވުރެ ގިނަ މިސްކިތްތައް މިދިޔަ މެއިމަހުގެ ފަހުކޮޅުވަނީ އާންމުކޮށް ހުޅުވާލާފައެވެ. މިސްކިތްތައް ހުޅުވާލީ، އިޖުތިމާއީ ގައިދުރުކަމަށާއި، ސިއްހީ ރައްކާތެރިކަމަށް ވަރަށް ހަރުކަށި އުސޫލުތަކަކާ އެކުގައެވެ.

ސައުދީ އަރަބިއްޔާއަކީ ގަލްފްގެ އަރަބި ގައުމުތަކުގެ ތެރެއިން ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 150،000 އަށްވުރެ ގިނަމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި 1،200 މީހުން މަރުވެފައި ވެއެވެ.

ބަލީގެ ހާލަތު ގޯސްވަމުން ދިޔަނަމަވެސް، ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މުޅި ގައުމުގައި އިޢްލާންކޮށްފައިވާ ކާފިއު އުވާލައި، ވިޔަފާރިތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައްވެސް މާދަމާއިން ފެށިގެން އުވާލަން ސައުދީ ސަރުކާރުންވަނީ ނިންމާފައެވެ.

އެހެން ނަމަވެސް، އުމްރާގެ އަޅުކަމާއި، ހައްޖުގެ އަޅުކަމާއި، ބައިނަލްއަގްވާމީ ދަތުރުފަތުރާއި، 50 އަށްވުރެ ގިނަމީހުން އެއްތަންވުން މަނާކޮށްފައި އޮތް އޮތުން ދެމިއޮންނާނޭ ކަމަށް، ސައުދީ ސަރުކާރުގެ ދާޚިލީ ވުޒާރާގެ މަސްދަރުތަކުން ހާމަކުރެއެވެ.

ކުރިއަށްއޮތް ޖުލައިމަހުގެ ފަހުކޮޅަކީ މިއަހަރުގެ ހައްޖުމޫސުން ދިމާވާ ދުވަސްވަރެވެ. އެހެން ނަމަވެސް، ހައްޖުގެ އަޅުކަމާމެދު ސައުދީ އަރަބިއްޔާއިން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ހައްޖުގެ އަޅުކަމާއިގެން ކުރިއަށްދާނީތޯ ނުވަތަ ކެންސަލް ކުރާނީތޯ، ސައުދީ ކަމާބެހޭ ފަރާތްތަކުން ވަރަށް އަވަހަށް ރަސްމީގޮތުން ގޮތެއް ނިންމާނެކަމަށް ޚަބަރުތައް ބުނެއެވެ.